ނަސްރުގެ ދުވަހާ ގުޅިގެން ސިފައިން ހުޅުވި އާޓް ގެލަރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މިއަދު ހެނދުނު އޮތް ޚާއްސަ ރަސްމިއްޔާތަކާ އެކު ހުޅުވި އެ މައުރަޒުގެ މަޤްޞަދަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ހިނގި ހިތާމަވެރި ޙާދިސާތަކުގައި ދިވެހި ސިފައިން ދެއްކި ހިތްވަރުގެ ތަރިކައަށް އިޙްތިރާމްކޮށް، ރާއްޖޭގެ ތާރީޚުގައި ފާހަގަކުރާ މި މުހިންމު ދުވަހާ ބެހޭގޮތުން ޒުވާން ޖީލު ހޭލުންތެރިކުރުވުމެވެ.
ރައީސް މިއަދު ހުޅުވައިދެއްވި ސިފައިންގެ މައުރަޒުން ފެންނަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ. މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.
އެ މަރުކަޒު އާންމުންނަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 10:00 އަށް އެ މަރުކަޒު އާންމުންނަށް ހުޅުވާލާނެ އެވެ.
ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި ވަޒީރުން އަދި ދަޢުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.