ސަލާމަތީ ބާރުތަކަށް ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ރައީސް ޢިއުލާން ކުރަށްވައިފި
ދެންމެ | 04 ނޮވެމްބަރ 2024

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ނަމުގައި ދިވެހި ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ހިންގަމުންދާނެކަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިރޭ އިޢުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާން ކުރައްވާފައި ވަނީ، މިރޭ ބޭއްވެވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމަށް ބަޖެޓްގައި ފައިސާ ހިމަނުއްވާފައިވާނެ ކަމަށާއި، މިގޮތުން 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދަޢުލަތުގެ ބަޖެޓުގައި ނިއު ޕޮލިސީ އިނިޝިއޭޓިވްސް (އެންޕީއައި)ގެ ތެރެއިން 400 މިލިއަން ރުފިޔާ، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަށް ޚާއްޞަ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮންމެ އަހަރަކު، އިތުރު 400 މިލިއަން ރުފިޔާ އެ ޕާރޮގްރާމަށް އިތުރު ކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ، ސާނަވީ ތަޢުލީމު ނިންމުމަށްފަހު އެކި ސަބަބުތައް މެދުވެރިވެގެން ތަޢުލީމީ ޙަޔާތް ކުރިއަށް ގެންދެވެން ނެތް، އަދި ވަޒީފާގެ ފުރުޞަތުވެސް ތަނަވަސްވެފައި ނެތް، 16 އަހަރުން މަތީގެ ދިވެހި ދަރީން، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިކޮށް، ދިވެހި ޢަސްކަރިއްޔާ ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރެވޭނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!