އަސްކަރީ މަނަވަރު ތަކެއްގައި ލަންކާއިން ބަޔަކު ފިލައިފި
ދެންމެ | 09 ޖުލައި 2022

ލަންކާގެ ބަނދަރެއްގައި އޮތް ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް އަރައިގެން ބަޔަކު ފިލައިފިއެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ކޮލަމްބޯގެ ބަނދަރުގައި އަޅާފައި އޮތް ދެ ސިފައިންގެ އުޅަނދަކަށް ބަޔަކު އަރާ މަންޒަރެވެ. އެމީހުން ވަނީ މީގެ އިރުކޮޅެއް ކުރިން ފުރާފައި ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބަޔަކު އަރައިގެން ފުރާފައި ވަނީ އެސްއެލްއެން ސިޑުރާލާ އާއި އެސްއެލްއެން ގަޖަބާހޫ ނަމަކަށް ކިޔާ ދެ އުޅަނދުގައެވެ.

ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނީ ހަލުވި ކަމާއި އެކު ފޮށިތަކެއް ހިފައިގެން އަންނަ ބަޔަކު އެ އުޅަނދުތަކަށް އަރާ މަންޒަރެވެ. އެވަގުތު އެ ސަރަހައްދުގައި ސިފައިންގެ ވެހިކަލެއް އޮންނަ މަންޒަރުވެސް ފެނެއެވެ.

”ޑެއިލީ މިރޯ“ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވީޑިއޯއާއި ގުޅިގެން ލަންކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އޭނާއަށް ގުޅޭ ގޮތް ވަނީ ނުވެފައެވެ.

ބަނގުރޫޓުވެފައިވާ ލަންކާގައި އެގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލާ ދަނީ މުޒާހަަރާ ކުރަމުންނެވެ. އެ މުޒާހަރާގައި އެތައް ބަޔަކަށް އަނިޔާވެފައިވާއިރު، މުޒާހަރާއާ ގުޅިގެން ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދުގެ މުޒާހަރާތައް ދުރާލައި ބާއްވާނެކަން އިއުލާނު ކުރިއެވެ. މިއާއެކު ލަންކާ ސަރުކާރުން ރޭ ކާފިއު އިއުލާނު ކުރިއެވެ. އެހެން ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމާއެކު ކާފިއު ވަނީ އުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް