މުސްލިމުންގެ އެންމެ މުހިންމު ސިފައަކަށް ވާންޖެހެނީ، ތެދުވެރިވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ތެދުވެރިވުމެވެ. އެކަލާނގެ ފޮނުއްވި މާތްރަސޫލާ އަށާއި، އެކަލާނގެ ބާވާލެއްވި މާތްދީނަށް ތެދުވެރިވުމެވެ. ތިމާގެ އަމިއްލަ ނަފްސަށާއި، އާއިލާގެ މީހުންނަށާއި، އެކުވެރިންނަށް ތެދުވެރިވުމެވެ. ތިމާގެ ޤައުމަށާއި، ތިމާ ދިރިއުޅޭ ޖަމާޢަތަށް ތެދުވެރިވުމެވެ. ހަމައެހެންމެ، ތިމާގެ ހިތުގައި އޮންނަ އަޤީދާ އާއި، ތިމާ ބުނާ ބަހާއި، ކުރާ އަމަލުތަކުގައި ތެދުވެރިވުމެވެ.
އިސްވެދެންނެވި ހުރިހާ ކަމެއް ޝާމިލުވާ ގޮތުގެ މަތިން، ތެދުވެރިކަމުގެ މާތް ސިފަ ލިބިގަތުމަށް ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި، މުއުމިނުންނަށް އަމުރުކުރައްވާފައި ވެއެވެ. އަދި އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ދުނިޔެއާއި އާޙިރަތުގައި ހެވާއި ލާބަ ލިބުން އޮތީ، ތެދުވެރިވުމުގައިކަން ބަޔާން ކުރައްވައި، މާތްﷲ ވަހީކުރެއްވިއެވެ. “ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًۭا لَّهُمْ “ (މުޙައްމަދު: 21) މާނައީ: ”ﷲ އަށް އެބައިމީހުން ތެދުވެރިނަމަ، އެކަން އެބައިމީހުންނަށް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ.“
މުސްލިމުންގެ އެންމެ މުހިންމު ސިފައަކަށް ވާންޖެހޭނީ ހުރިހާ ކަމެއްގައިވެސް ތެދުވެރިވުން ކަމަށްވުމާއެކު، ތިމާ ދެކޭ ކިތަންމެ މާތް މަޤްޞަދެއްގައިނަމަވެސް، ދޮގު ހެދުމަކީ، އަދި މަކަރުހަދައި ކަންތައްތައް އޮޅުވާލުމަކީ، އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ތިމާ ދެކޭ ގޮތުގައި ނުބައި މީހަކު ކުށްވެރިކޮށް، އެމީހަކަށް ޙައްޤުވާ އަދަބު ދެވެން އޮތީ، ދޮގެއް ނުވަތަ މަކަރެއް ހަދައިގެން ކަމުގައިވިޔަސް، އެކަން އެހެން ކޮށްގެނެއް ނުވާނެއެވެ. މީހަކު ކުށްވެރިކޮށް، އަދަބުދޭންވާނީ، ނުވަތަ މީހެއްގެ ބޮލުގައި އެއްވެސް ކަހަލަ އިލްޒާމެއް އަޅުވަންވާނީ، އެމީހަކާ މެދު ތުހުމަތުކުރެވޭ ކުށެއް، ޝަރުޢީ ހަމަތަކުގެމަތިން ސާބިތުވެއްޖެ ހާލަތެއްގައެވެ.
އިސްލާމްދީނުގައި ކޮންމެ ކަމެއް ކުރުމަށްވެސް ވަނީ، ވަކި އުސޫލުތަކަކާއި ހަމަތަކެއް ކަނޑައަޅުއްވާފައެވެ. އެހެންކަމުން، ދީނުގެ ނަމުގައި ނަމަވެސް، އަދި އެހެން މަޤްޞަދެއް ހާޞިލްކުރުމަށް ނަމަވެސް، އެ އުސޫލުތަކާއި ހަމަތަކާ ހިލާފަށް އަމަލުކުރުމަކީ، ދީނުގައި ހުއްދަވާނެ ކަމެއް ނޫނެވެ.