ރައީސުންނަށް ނުކިޔާ ފަދަ ހޫނު މަރުހަބާއެއް އެޗްޑީސީގެ އެމްޑީއަށް ކިޔަން ދިޔަ ހަރަދުގެ ތަފްސީލް ހޯދަން އެދެފި
ދެންމެ | 07 ސެޕްޓެމްބަރ 2022

އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕްރޮމޯޓްވުމުން، މަރުހަބާ ކިޔުމަށް ކުރި ހަރަދު ބަލައިދޭން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އަރިހުން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަންގާފައިވާ ދަނޑިވަޅެއްގައި ގައުމުތަކުގެ އިސްވެރިން ރާއްޖެ ވަޑައިގަތުމުން ނުކިޔާ ވަރުގެ މަރުހަބާއެއް، ކުންފުނިތަކުގެ އެއް މަގާމުން އަނެއް މަގާމަށް ޕްރޮމޯޝަން ލިބޭ ވަގުތު ސީއެސްއާރުގެ ދަށުން ހަރަދުކޮށްގެން އެމީހުންނަށް ކިޔާ ކަމަށެވެ.

އަދި މެނޭޖްމަންޓު ބޭނުންވެއްޖެ ނަމަ ބޭނުން ބަޔަކަށް ސީއެސްއާރުގެ ދަށުން ލައްކައިން، ބައި ލައްކައިން ލާރި ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަން ކުރަނީ ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވާފައި އޮންނާތީތޯ، ނުވަތަ އެފަދަ ހަރަދު ކުރާތީ އެކަން ނުކުރަން އަންގާފައިވޭތޯ އަނދުން ހުސައިން މިނިސްޓަރު އަމީރާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ދަވަހުން ދުވަހަށް ކުރާ ހަރަދާއި، ކަންތައްތަތައް ކޮށްފައި ހުންނަނީ ސީދާ ފިނޭންސް މިނިސްޓްރީން ސާކިއުލާތަކުން އަންގާ ގޮތަށް ނޫން ކަމަށެވެ. އެ ކުންފުނިތަކުގައި ބޯޑަކާއި އެމްޑީން ތިބޭއިރު، ކުންފުނި ހިންގަނީ އިންޑިޕެންޑެންޓު ގޮތަކަށް ކަމަށެވެ.

”.. މިގޮތަށް އެކްސެސިވްކޮށް ހަރަދު ކުރެވޭ ކަމަށް އަޅުގަނޑުމެންނަށް ފާހަގަވާ ތަންތަން މިހާރު ވެސް އަޅުގަނޑުމެން އޮންނާނީ ހަރަދުތައް ކުޑަކުރުމަށް އަންގާފަ. ދެން ސްޕެސިފިކްކޮށް މެންބަރު ތި ފާހަގަކުރެއްވި ކަންތައްތައް އަޅުގަނޑުމެން ބަލަންޖެހޭ ކަމެއް އޮތިއްޔާ އެދުމުން އެކަން އަޅުގަނޑުމެން ބަލާނަން،“ މިނިސްޓަރު ވިދާޅުވި އެވެ.

އެ ޖަވާބާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި އަނދުން ހުސައިން ވިދާޅުވީ ދާދި ފަހުން އެޗްޑީސީގެ ޑީއެމްޑީ، އެމްޑީއަށް ބަދަލުވުމުން މަރުހަބާ ކިޔުމަށް ކުރި ބޮޑު ހަރަދު ބަލައިދިނުމަށް އެދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!