އަޅުކަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަޅުކަންކުރާ ބައެއް މީހުންވެސް ދުޢާކުރުމާއި ވަރަށް ބީރައްޓެހިކަން ފާހަގަކުރެވެއެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެހެންވެ މިރޭ ބުނެދޭން މަސައްކަތްމިކުރަނީ ދުޢާ ކުރުމާއި ނުކުރުމުގެ ވާހަކައެވެ. ދުނިޔަވީ ކަންކަމަށް އަވަސް އަރުވާލައިގެން ދުޢާ ނުކޮށް ދޫކޮށްލުމުގެ ވާހަކައެވެ. ވީމާ ކިޔައިލަންވީ މިއާޔަތެވެ.
ﷲ ތަޢާލާގެ ވަހީބަސްފުޅުގައިވަނީ މިފަދައިންނެވެ.
”އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލް، އެއުރެން ނަރަކައަށް ވަންނާނެތެވެ.“ (ޣާފިރު: 60)
މިއާޔަތުގެ ފުރަތަބައިގައި އެވަނީ ”ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ….“
އެނގިގެން މިދަނީ ﷲ ތަޢާލާއަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކޮށް ދުޢާކުރާ އަޅުތަކުންގެ ދުޢާ ޢިޖާބަ ކުރައްވަވާނެ ކަމެވެ.
ސަމާލުކަން އިތުރުކުރަންވީ އާޔަތުގެ ފަހު ބައަށެވެ. ”—ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލް، އެއުރެން ނަރަކައަށް ވަންނާނެތެވެ.“ އޮތް ބަސްފުޅަށެވެ.
މި ބަސްފުޅުން އެނގިގެން މިދަނީ ﷲ ތަޢާލާއަށް ދުޢާކޮށް އަޅުކަން ނުކުރަނީ ނަމަ އެމީހަކީ ކިބުރުވެރިވެ، ބޮޑާވެގަންނަ މީހަކު ކަމުގައި ހިމެނިގެން ހިނގައިދާނެ ކަމެވެ. އެއިރުން އެމީހަކު ވަންނާނީ ނަރަކައަށް ކަމެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އަޅުކަންކުރާ މީހުންނެވެ! އަދި ﷲ ތަޢާލާއަށް އީމާންވެގެން ތިބި މީހުންނެވެ. ނަމަވެސް އެމީހުން ވަނީ އެންމެ މުހިންމު ކަންތަކުގައި ވަރަށް ބޮޑަށް ޣާފިލުވެފައެވެ. އެއީ ނަމާދަށް ފަހުގައިވެސް ދެއަތް އުފުލުމެވެ!
ދެއަތް އުފުލުން މިމާނަކުރަނީ ދުޢާ ކުރުމަށެވެ. ދުޢާކުރުމުގައި އަތް އުފުލުމާއި ނުއުފުލުމަކީ އިޚްތިޔާރީ ކަމެއްކަމަށްވެސް ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. ފަރުޟު ނަމާދަށްފަހު އަތް އުފުލައިގެން ދުޢާކުރުމަކީ ސުންނަތުން ސާބިތުވާ ކަމެއް ނޫނެވެ. އެނޫން ޙާލަތްތަކުގައި ދެކޮނޑާއި ހަމައަށް ނުވަތަ ބޮލާއި ހަމައަށްވެސް އަތް އުފުލުން ސުންނަތުގައިވެއެވެ. ދުޢާކުރާއިއރު އަތް އުފުލަނީ ﷲ ގެ ޙަޟްރަތުގައި އިބްތިހާލްވުމަށެވެ. ތިމާމީހާގެ ނިކަމެތިކަން ބަޔާން ކުރުމަށެވެ.
ވީމާ ކިތަންމެ ވަގުތު ދަތިކޮށް މަސައްކަތްކުރި ނަމަވެސް ފަރުޟު ނަމާދަށްފަހުގައިވެސް އަދި އެހެން ވަގުތުތަކުގައިވެސް ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރާށެވެ! އެންމެ ކުޑަމިނުން ”އަސްތަގްފިރުﷲ“ ކިޔައި ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ނަމަވެސް ދުޢާކުރުން ގިނަކުރާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް އެމީހަކަށް ލިބިގެންދާނެތެވެ! އިން ޝާ ﷲ
–އިސްލާމީ ތިލަފަތުގެ ދަރުސަކުން