އެމެރިކާއިން ސޯމާލިއާއަށް ދޭ އެހީ މެދުކަނޑާލައިފި
ދެންމެ | 08 ޖެނުއަރީ 2026

އެމެރިކާގެ އެހީގައި ފޯރުކޮށްދީފައިވާ ކާބޯތަކެތީގެ ގުދަނެއް ހަލާކުކޮށްލައި، އެތަކެތި ސޯމާލިއާ ސަރުކާރުގެ އޮފިޝަލުން ފޭރިގަތް ކަމަށް ތުހުމަތުކޮށް، އެމެރިކާއިން ސޯމާލިއާއަށް ދެމުންދިޔަ ހުރިހާ އެހީއެއް މެދުކަނޑާލައިފިއެވެ.

 

ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހާމަކުރި ގޮތުގައި، ސޯމާލިއާގެ އޮފިޝަލުން ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމްއިއްޔާ (ޑަބްލިއު.އެފް.ޕީ) އިން ބަލަހައްޓަމުންދިޔަ، އެމެރިކާގެ އެހީގެ ދަށުން ފޮނުވި 76 މެޓްރިކް ޓަނުގެ ކާބޯތަކެތި ގަވާއިދާ ހިލާފަށް އަތުލައިފައެވެ. މި ތަކެއްޗަކީ ހާލުގައި ޖެހިފައިވާ ސޯމާލިއާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފޮނުވި ތަކެއްޗެވެ.

 

މިކަމާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، އެހީގެ ތަކެތި އިސްރާފުކުރުމާއި، ވައްކަންކުރުމާއި، އަދި އެހެން ފަރާތްތަކަށް ބަދަލުކުރުމަކީ ބަލައިނުގަންނާނެ ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން އެހީ ދިނުން ހުއްޓާލަން ޖެހުނީތީ ކަންބޮޑުވާ ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

 

މި ތުހުމަތުތަކާ ގުޅިގެން ސޯމާލިއާ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

 

2025 ވަނަ އަހަރު ޓްރަމްޕް އަލުން ވެރިކަމަށް އައުމަށްފަހު، ސޯމާލިއާއާ މެދު ގެންގުޅޭ ސިޔާސަތުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. މިގޮތުން، އެމެރިކާގައި ދިރިއުޅޭ ސޯމާލިއާ ދަރިކޮޅުގެ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު، އެމެރިކާއަށް ސޯމާލިއާ މީހުން އެތެރެވުން ވަނީ ހަނިކޮށްފައެވެ. މީގެ އިތުރުން ސޯމާލިއާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކަށް އަމާޒުކޮށް ދޭ ވައިގެ ހަމަލާތައްވެސް ވަނީ އިތުރުކޮށްފައެވެ.

 

މިދިޔަ ޑިސެމްބަރު މަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އެމެރިކާގައި ދިރިއުޅޭ ސޯމާލިއާ މީހުންނަކީ ”ކުނި“ ކަމަށް ސިފަކޮށް، އެމީހުން އެމެރިކާ ހަލާކުކުރަމުންދާ ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ މަޖިލިސް މެންބަރު އިލްހާން އުމަރަށް އަމާޒުކޮށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

 

އެހެންކަމުން އެމެރިކާއިން ސޯމާލިއާއަށް އެހީ ހުއްޓާލާފައި މިވަނީވެސް ރަނގަޅު ނިޔަތެއްގައި ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ގުދަން ފަޅާލިކަމަށްބުނެ ދައްކަނީވެސް ބަހަނާ ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!