ބަޑި ބުރާސްފައްޗައް ފަހު، ސިއްކައަށް ޓްރޭޑް މިނިސްޓަރުކަން ދޭއިރު ރައީސްކަން ލިބޭ މީހާ އަދިވެސް ސިއްރުކޮށްފައި ވަނީ ކީއްވެތޯ ރައީސް ޔާމީން ސުވާލު އުފައްދަވައިފި އެވެ.
ރާއްޖެއަށް ނޮވެމްބަރު 3، 1988 ގައި އުދުވާނީ ހަމަލާދިނުމަށް އިންޑިއާއަށް ނޭނގި ރާއްޖެ އެތެރެ ނުވެވޭނެ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތުތައް ސިއްރުކޮށްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ތުހުމަތު ވެސް ކުރައްވަ އެވެ.
ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހީންތަކެއް ލައްވައި އެ އުދުވާނުގެ ކަންކަން ކުރުވާއިރު، ކޮންމެވެސް މަގުސަދުތަކެއް ހުންނާނެ ކަމަށާއި ތާރީހު ދިރާސާކުރައްވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އެކަމުގެ މައުލޫމާތުތަކެއް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާ ހަމައަށް ތިލަ ނުކުރެވޭ ނަމެއް ނޫނީ ނަންތަކެއް އެބައުޅޭ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
”މަންނާރުން މި މީހުން ޑިންގީ ނޫނީ ބޯޓެއްގައި އަންނަ އިރު، އިންޑިއާގެ އަސްކަރިއްޔާގައި ތިބި މީހުންނަށް ނޭނގި އާދެވޭނެހެއްޔޭ، މި ފަސޭހައެއް ނޫނޭ ގަބޫލުކުރާކަށް. ދެން ސިލޯން ސަރުކާރުން ކީއްވެހޭ މިއަށް އިޖާބަ ނުދިނީ. އެ އަންނަ 80 ވަރަކަށް މީހުން ކޮންޓެއިން ކޮށްލާކަށް ސިލޯނަކަށް ވެސް ދައްޗެއް ނުވާނެ. އެކަމަކު ސިލޯނުން ބޭނުމެއް ނުވި. ސިލޯނުން ބޭނުން ނުވީ އެއަށްވުރެ ނުފޫޒުގަދަ ގައުމަކުން އެންގީހެއްޔޭ މިކަމާ ނުބެހެން މިސާލަކަށް. މިހާ މަޑުން ދުވާ އެއްޗެއްގައި އާދެވޭނެ ގޮތެއް ގަބޫލެއް ނުކުރެވޭ، ނޭނގި އާދެވޭނެ ގޮތެއް ގަބޫލެއް ނުކުރެވޭ،“ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ހަމަލާގައި ބައިވެރިވި ސިއްކަ އަހުމަދު އިސްމާއީލަށް ޓްރޭޑް މިނިސްޓަރުކަން ލިބެން އޮތްކަން ދެކެވުނު ވާހަކަތަކުން އެނގޭ ކަމަށާއި ނަމަވެސް އަމަލީގޮތުން ބައިވެރިވި އެ ދިވެހީންނަކީ އަދި އޭގެ އެންމެ އަޑީގައި ތިބި ބައެއް ނޫން ކަމަށެވެ. އަދި އެ ތާރީހު ދިވެހި ރައްޔިތުންނަށްޓަކައި އެނގެން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
”އެހެންވީމާ ކާކުހޭ ރައީސަކަށް އަންނަން އޮތީ. މިވަރުގެ ކަމެއް ކޮށްފަ، ސަރުކާރެއް ބަދަލުކޮށް ބައެއް މީހުންނަށް ވަޒީރުކަންދީ، މިކަންކަން ކުރާއިރު ކޮންމެވެސް މީހަކު ހުންނަންވާނެދެއްތޯ ރައީސްކަމުގަ. މިއެއް އަޅުގަނޑުމެންނަކަށް ނޭނގޭ، އަދިވެސް މިއޮތީ ވަންހަނާވެފަ އޮތް ކަމެއްގެ ގޮތުގައި،“ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ހަމަލާގެ ބައިވެރީން ވަކި ވަޒީރުންތަކެއް ހޯދަން އުޅުމުން ވެސް ސުވާލުތަކެއް އުފެދޭ ކަމަށާއި އެ ހުރިހާ މައުލޫމާތުތައް އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ސިފައިންގޭގެ އޭރުގެ ވެރީންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.