ޤައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރައްވަން ނިންމަވައިފި
ދެންމެ | 05 ނޮވެމްބަރ 2024

”ޤައުމީ ކުޅިވަރު ފަންޑު“ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ނިންމުން ރައީސް ނިންމަވާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، އެ މަޖިލީހުގެ ލަފާފުޅާއެކު ކަމަށެވެ.

ރާއްޖޭގައި ޤައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރުމާ ގުޅޭ ގޮތުން، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ހުށަހެޅުއްވި ހުށަހެޅުއްވުމުގެ މައްޗަށް، ވަޒީރުންގެ މަޖިލީހުގައި ހޯމަ ދުވަހު ކުރެއްވި މަޝްވަރާތަކުގެ އަލީގައި، ”ޤައުމީ ކުޅިވަރު ފަންޑު“ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސް ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްޤީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާޢަތް ނުވަތަ ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޤައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅޭގޮތުން، ރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށްޓަކައި، ކުރައްވަންޖެހިވަޑައިގަންނަވާ އެންމެހައި ކަންކަން ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!