ބައްޕާފުޅު އަވަހާވެވަޑައިގަތުމަށްފަހު ލަންކާގައި ހުރި މުދަލާއި ފައިސާ ދޮންމަންމާފުޅަށް ދެއްވި މައްސަލައިގައި ސިޔާސީ ބޭނުމަށް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ލަންކާގައި ހުރި ތިން ބިމާއި އިމާރާތްތަކާއި އެކައުންޓުތަކުގައި ހުރި ހުރިހާ ފައިސާއެއް ދޮންމަންމާފުޅަށް ދެއްވާފައިވާ ކަމަށެވެ. އަދި މިކަން ކުރައްވާފައިވަނީ ކޯޓު މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
”މިހާ ބޮޑަށް އޮޅުވާލާ އަގުވައްޓާލަން މިއީ ސިޔާސީ ވިސްނުމެއްގައި ކުރާ ކަމެއް. ލަންކާގައި ހުރި ތިން ގޯއްޗާއި އިމާރާތާއި ހުރިހާ އެއްޗެއް ފައިސާއާ އެކު އެ ހުރީ ދޮންމަންމައަށް ދީފައި. އިތުރަށް ކުރި އެއްވެސް ކަމެއް ނޯންނާނެ،“ ރައީސް ވިދާޅުވި އެވެ.
ލަންކާގައި ހުރި ދެ ބިމެއްގައި އާމްދަނީ ލިބޭ ގޮތަށް ގެސްޓްހައުސް ހަދާފައިވާ އިރު، ތިން ވަނަ ބިމުގައި ދިރިއުޅޭ ގޮތަށް ގެއެއް އަޅާފައިވާ ކަމަށް ރައީސް ހާމަކުރެއްވި އެވެ. އަދި ލަންކާގައި ހުރި މުދާ ދޮންމަންމާފުޅަށް ދެއްވުމުން، މާލޭގައި ހުރި ބައްޕާފުޅުގެ މުދަލުން ހުވަފަތް އަނބިކަނބަލުންނަށް ލިބޭ ބައިކުޅަ ބައި ދޮންމަންމާފުޅު ރައީސަށް ދޫކޮށްލެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި މުހިންމު ނުކުތާތައް:
ބައްޕާފުޅުގެ މުދަލާ ގުޅޭ މައްސަލައިގައި ސިޔާސީ ބޭނުމަށް ދޮގު ވާހަކަ ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވި.
ލަންކާގައި ހުރި ތިން ބިމާއި އެކައުންޓުތަކުގައި ހުރި ފައިސާ ދޮންމަންމާފުޅަށް ދެއްވާފައިވޭ.
މުދާ ބެހުމުގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ކޯޓު މެދުވެރިކޮށް.
ދެ ބިމެއްގައި ގެސްޓްހައުސް ހަދާފައިވާ އިރު އެއް ބިމުގައި ދިރިއުޅޭ ގެއެއް އަޅާފައިވޭ.
މާލޭގައި ހުރި މުދަލުން ލިބެންޖެހޭ ބައި ދޮންމަންމާފުޅު ރައީސަށް ދޫކޮށްލައްވާފައިވޭ.