މިއަދު ޤައުމުގެ ތަރައްޤީގައި އޭއައި ހިމަނަންޖެހޭ: ރައީސް
ދެންމެ | 07 ނޮވެމްބަރ 2024

ޤައުމުގެ ތަރައްޤީގައި ފަންނިއްޔާތު ހިމަނަންޖެހޭ ކަމަށާއި ޤައުމީ ތަރައްޤީގެ ޕްލޭނަކީ އޭއައި ބޭނުންކުރެވިގެން އެކުލެވޭ ޕްލޭނަކަށް ވާން ޖެހޭކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހި ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާތައް ފެށުން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ އޮއިވަރެއްގައި ޤައުމުގެ ތަރައްޤީގެ ކަންކަމަށް އަބަދު ބަދަލު އަންނަ ކަމަށްވާނަމަ އޭގެ ފައިދާ ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ. އެހެން ކަމުން މިމަސައްކަތަކީ ޤާނޫނީ ބާރުވެރިކަން ލިބިގެން ކުރެވޭ މަސައްކަތަކަށް ހައްދަވައި، ޤާނޫނޫ އަސާސީގެ ތެރެއިންވެސް ބަލައިގަންނަ މަސައްކަތަކަށް މިކަން ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަސައްކަތް 1 އަހަރު ދުވެހުގެ ތެރޭގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ މި ޕްލޭން ތަންފީޒުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ސިޔާސީ ވިސްނުން ދޫކޮށް، ޤައުމީ މަސައްކަތެއްގެ ގޮތުގައި މިމަސައްކަތް ބަލައިގަނެ، މިކަމުގައި ކޮންމެ ރަށަކުން ޚިޔާލު ބޭނުންވާ ކަމަށެވެ. އަދި 20 އަހަރު ދުވަހަކީ ޖީލެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިމަސައްކަތް ނިމޭއިރު ޖީލެއްގެ ތަޞައްވަރު އެނގިގެންދާނެ ކަމަށެވެ.މި ޕްލޭނާއެކު ރާއްޖޭގައި އޮތް ބޮޑެތި މައްސަލަތައް ރިޢާޔަތްކޮށް، ދުރު ރާސްތާކައި އެކަންކަން ޙައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!