ރާވައިގެން ދިވެހީންގެ ދުރޫސުލް އަހުލާގު ފުޑުފުޑު ކޮށްފި: ޔާމީން
ދެންމެ | 02 ޖުލައި 2022

ސަރުކާރުން ގެންދަނީ ރާއްޖޭގެ ގަދަރު ހުރި މުގައްދަސު ހުރިހާ އަގުތަކާއި އަހުލާގީ ގޮތުން ދިވެހިން ސާބިތުވެ ތިބި ހުރިހާ މިންތައް މުގުރާ ހާލަކުކޮށް ސުންނާފަތި ކުރަމުން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވި ފަހުން ކޮންމެ ދުވަހަކުހެން ޓްވީޓް ކުރައްވަމުން ގެންދެވި ނަމަވެސް މިއަދުގެ ޓްވީޓް މި އައީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ.

ދިވެހީންގެ ބަޔަކާއި ބިދޭސީއަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކެއް އާންމުވެ އެކަމުގެ ކަންބޮޑުވުން އޮތް މިދަނޑިވަޅުގައި އެކަމާއި ގުޅުވާ ރައީސް ޔާމީން ވިދާޅުވީ ދިވެހީން ބަލައިގެންފައިވާ ދުސްތޫރީ ހަމަތައް ނިޒާމީ ގޮތެއްގައި ރޫޅާއި ހަލާކު ކުރަމުންދާ ކަމަށެވެ. މިއީ ބަޔަކު އެނގި ތިބެ ގަސްތުގައި ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ހޭ އަރަންވީ ވަގުތަކީ މިއީ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުން ގެންދަނީ ރާއްޖޭގެ ގަދަރު ހުރި މުގައްދަސު ހުރިހާ އަގުތަކާއި އަހުލާގީ ގޮތުން ދިވެހިން ސާބިތުވެ ތިބި ހުރިހާ މިންތައް މުގުރާ ހާލަކުކޮށް ސުންނާފަތި ކުރަމުންނެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވަމުންދާއިރު މީގެ ހަފްތާއެއްގެ ކުރީން އެ ވީޑިއޯތައް އާންމު ކުރަން ފެށިއިރު ފުރަތަމަ އާންމުކުރީ ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކާއި ބަންގްލަދޭޝްގެ ފިރިހެނަކު ގުޅުން ހިންގަނިކޮށެވެ. ބާރަ މިނެޓްގެ ދިގު އެ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ނާޒިމް ފުރަތަމަ ވިދާޅުވި ނަމަވެސް އެ މައްސަލަ ފުލުހުން ބަލަން ފެށުމުން ނާޒިމް ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑީއެކްޓިވޭޓް ކޮށްފައެވެ. އަދި އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައިވެއެވެ.

ވީޑިއޯ އިން ފެންނަ ކަމަށް ބުނާ ބަންގާޅު މީހާވެސް މިހާރު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. ނަމަވެސް ތުހުމަތުވާ މީހުން ހައްޔަރު ކުރަން ފުލުހުން ފަސް ޖެހޭ ކަމަށް އާންމުންގެ ގިނަ ބަޔަކު ދެކެއެވެ. އަދި އެ މައްސަލައަށް ނުފޫޒު ގަދަ ބާރެއް ވަދެފައިވާ ކަމަށް ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!