ތިބާއަށްޓަކައި ރޭގަނޑު ހެކިދޭނެ މީހަކަށްވާށެވެ!
ދެންމެ | 08 ނޮވެމްބަރ 2024

ތިބާއަށްޓަކައި (ތިބާއަށް ފައިދާހުރި ގޮތަށް) ރޭގަނޑު ހެކިދޭނެ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް އޮތީ އުފާވެރިކަމެވެ. އެހެނީ އެމީހަކު ވާނީ ރޭއަޅުކަންކުރާ މީހުންގެ ތެރެއިންނެވެ. ރޭއަޅުކަން ނުވަތަ ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދެވެ. ރޭއަޅުކަންކުރާނަމަ އެމީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވައެވެ.

 

އިތުރު ތަފްޞީލް ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ

ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހުގެ ކިބައިންރިވާވެގެންވެއެވެ.

 

އެކަލޭގެފާނު ވިދާޅުވިއެވެ.

”ރޭގަނޑުވުމުން މީސްތަކުން 3 ބަޔަކަށް ބެހިގެންދެއެވެ. އެ ރޭގަނޑު އެބަޔަކާ ދެކޮޅަށް ހެކިދިނުމުގެ ބަދަލުގައި އެބަޔަކަށްޓަކާ ހެކިދޭނެ ބަޔަކާއި، އެބަޔަކަށްޓަކާ ހެކިދިނުމުގެ ބަދަލުގައި އެބަޔަކާ ދެކޮޅަށް ހެކިދޭނެ ބަޔެކެވެ. އަދި އެބަޔަކަށްޓަކާވެސް، ދެކޮޅަށްވެސް އެ ރޭގަނޑު ހެކިނުދޭނެ ބަޔެކެވެ.

ފަހެ އެބަޔަކަށްޓަކާ ރޭގަނޑު ހެކިދޭނެ މީހުން ދަންނައެވެ. އެމީހުންނަކީ ރޭގަނޑުގެ އަނދިރިކަންވެރިވެ، މީސްތަކުން ނިދުމުން، އެވަގުތުގެ ބޭނުން ﷲތަޢާލާ އަށް ކުއްތަންވުމަށްޓަކާ ނަމާދުކޮށް ޒިކުރުކޮށް އަސްތަޣުފާރުކުރުމުގައި ހިފާމީހުންނެވެ. އަދި އެވަގުތުގެ ބޭނުން ﷲތާޢާލާ ޙަރާމްކުރައްވާފައިވާ ކަންތައްކުރުމުގައި ހިފާމީހުން ދަންނައެވެ. ފަހެ އެބައިމީހުންނާ ދެކޮޅަށް އެ ރޭގަނޑު ހެކިދޭނެއެވެ.

އެއަށްފަހު، ﷲއަށް އަޅުކަންކުރުމުގައި ނުވަތަ އެއިލާހަށް އުރެދުމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ފަތިސްވަގުތު ވަންދެން ނިދާފައިތިބޭ މީހުން ދަންނައެވެ. އެބައިމީހުންނަށްޓަކާވެސް އަދި ދެކޮޅަށްވެސް ރޭގަނޑު ހެކިނުދޭނެއެވެ.“ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެބައަކަށްޓަކާ، ރޭގަނޑު ހެކިދޭ މީހުންގެތެރެއިންވުމަށް ޢަޒުމްކޮށް މަސައްކަތްކުރަމާ ހިންގަވާށެވެ.

 

–މަސްދަރު: ދިސަލަފިއްޔާ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!