މަގާމަށް ދެ މަސް ނުވާ އިގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދޭން ނިންމައިފި
ދެންމެ | 20 އޮކްޓޯބަރ 2022

މިދޔަމަހު 6 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ކޮންޒަވޭޓިވް ޕާޓީގެ ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން ލިޒް މިއަދު އިއުލާންކުރެއްވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ޑައުނިންގ ސްޓްރީޓް ކުރިމަތިގައި ނޫސްވެރިންގެ ހާޒިރުގައި ދެއްވި ބަޔާނެއްގައެވެ.

އެނާ އިސްތިއުފާ ދެއްވީ މަގާމާއި ހަވާލުވިތާ 45 ދުވަސްފަހުންނެވެ. ސެޕްޓެމްބަރު 6ގައި ލިޒް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަން ވެގެން ދިޔައީ ކުރިން އެ މަގާމުގައި ހުންނެވި ބޮރިސް ޖޮންސަން އިސްތިއުފާ ދެއްވުމުންނެވެ.

ލިޒް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އޭނާއާ ހަވާލުކޮށްފައިވާ ޒިންމާ އަދާނުކުރެވޭނެކަން އަދާނުކުރެއްވޭނެތީކަމަށެވެ. އަދި އެކަން ރަސްގެފާނު ޗާލްސްއަށް އަންގާފައިވާކަމަށްވެސް ލިޒް ވިދާޅުވިއެވެ.

45 ދުވަހަށް މަގާމަށް އިސްތިއުފާ ދެއްވުމުން ލިޒް ވެގެންދާނީ އިނގިރޭސިވިލާތުގައި އެންމެ ކުރު މުއްދަތެއްގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއަށެވެ.

ހަބަރުތައް ބުނާގޮތުން އަންނަ ހަފްތާ ތެރޭގައި ބޮޑު ވަޒީރުކަމަށް އައްޔަން ކުރައްވާނެ ބޭފުޅެއް ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީން ކަނޑައަޅާނެއެވެ. އަދި އައު ބޮޑުވަޒީރެއް އައްޔަން ކުރެވެންދެން ލިޒް މަގާމުގައި ހުންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!