މިއީ ކާމިޔާބު ހަފްތާއެއް ކަމަށާއި ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފެށިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ނިމިދިޔަ ހަފްތާގެ ހާސިލް ކުރެވުނު ކާމިޔާބީތައް ހިމަނުއްވައި އިސްޓަރގްރާމްގައި އާއްމް ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމަނިކުފާނު ވަނީ ނިމިދިޔަ ހަފްތާގައި އަމަލީ މަސައްކަތް ފެއްޓެވި ކަންތައްތައް އެޕޯސްޓްގައި ހިމަނުއްވާފަ އެވެ.
ރައީސް އިސްޓަރގްރާމްގައި ވިދާޅުވެފައި ވަނީ ކާމިޔާބު ހަފްތާ ހަފްތާއެއް ނިންމާލެވިއްޖެ ކަމަށާއި ކުރިއަށް ދާނީ ކަންކަން ނިންމުމުގައި ކުރިއެރުންތައް ހޯދަމުން ކަމަށެވެ.
“ކާމިޔާބު މޮޅު ހަފްތާއެއް ނިންމާލެވިއްޖެ!
އަޅުގަނޑުމެން މިދަނީ ކުރިއަށް އަދި ކަންކަމުގައި ކުރިއެރުން ހޯދައި ކަންކަން ނިންމަމުން.
އެންމެ ބޭފުޅުންނަން ހުކުރު ދުވަހުގެ ހެޔޮދުއާ އަރިސް ކުރަން.
ހުރިހާބޭފުޅުންނަށް ބާއްޖަވެރި ހުކުރުދުވަހުގެ ތަހުނިޔާ.“ ރައީސް އިސްޓަރގްރާމް ޕޯސްޓްގައި ލިޔުއްވާފައި ވެއެވެ.
ރައީސްގެ އިސްޓަރގްރާމް ޕޯސްޓްގައި ވަނީ ޓީޗަރުން ޓްރައިނިންގ ޕްރޮގްރާމާއި ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓާއި މުޅި ރާއްޖޭގައި އޭޓީއެމްގެ ހިދުމަތް ދިނުމާއި ވެލާނާ އެއަރޕޯޓްގެ ފިއުލް ފާމާއި ހައިޑްރެންޓް ސިސްޓަމް ބޭނުން ކުރަން ފެށުމާއި 20 އަހަރުގެ ގައުމީ ތަރައްގީ ތަސައްވުރު އެކުލަވާލުން ފެށުމުގެ އިތުރުން ގެދޮރުވެރިކަމަށް ބޭނުންވާ ހިޔާވަހި ލޯނު ސްކީމްގެ އަމަލީ މަސައްކަތް ފެށުން ފާހަގަ ކޮށްފައި ވެއެވެ.
ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް އަހަރު ވުމާއި ގާތްވެފައި ވާއިރު އެމަނިކުފާނު ގެންދަވަނީ ގިނަ ގުނަ ކަންތައްތަކެއް ހާސިލް ކުރައްވަމުން ނެވެ.