އެމްއާރުޑީސީ އުވާލީ ލިބެންޖެހޭ އެތައް ފައިސާއެއް ނުހޯދައި: އޮޑިޓް
ދެންމެ | 15 އޮކްޓޯބަރ 2022

ކުރީގެ ސަރުކާރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއާރުޑީސީ އުވާލީ ލިބެންޖެހޭ އެތައް ފައިސާއެއް ނުހޯދައިކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް މިކަން ހާމަކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައެވެ.

އެމްއާރުޑީސީން ބުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއާރުޑީސީ އުވާލާފައިވަނީ އެ ކުންފުންޏަށް ލިބެންޖެހޭ އެތައް މިލިޔަން ރުފިޔާއެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށްކަމަށެވެ.

ރަށްރަށުގެ މަގުތައް ހަދައި ތަރައްޤީކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމުގެ މަޤްސަދުގައި އެމްއާރުޑީސީ އުފެއްދީ 24 އޯގަސްޓް 2010 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. އަދި 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހުއްޓުމަކަށް ގެނެސް ކުންފުނީގެ މުވައްޒަފުން ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ވަނީ ބަދަލުކޮށްފައެވެ.

އެކަމާއި ގުޅިގެން އެމްއާރުޑީސީ އުވާލުމުގެ މަސައްކަތް ނުވަތަ ލިކިއުޑޭޝަންގެ މަސައްކަތް ކުރުމަށް 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ވަނީ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެ މަސައްކަތުގެ ތެރެއިން އެމްއާރުޑީސީގެ މުދަލާއި ދަރަނި ހިސާބުކޮށް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދައި، ކުންފުނީގެ މުދާތައް ހިފެހެއްޓުމަށް. އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތަފްސީލް ރިޕޯޓެއްވެސް އެކުލަވާލަންޖެހެއެވެ.

ނަމަވެސް މިމަސައްކަތް ކުރުމަށް ހަވާލުވި ކުންފުނިން އެމްއާރުޑީސީއަށް ލިބެންޖެހޭ ފައިސާގެ ތަފްސީލުތައް ފެންނަ ރިޕޯޓެއް ތައްޔާރު ކޮށްފައިނުވާކަމަށާއި އަދި 2017 ވަނަ އަހަހަރުގެ ހިސާބުތަކަށް ބަލާއިރު އެކި ފަރާތްތަކުން އެމްއާރުޑީސީއަށް 171.7 މިލިޔަން ރުފިޔާ ލިބެންޖެހޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައެވެ. ނަމަވެސް ކުންފުނި އުވާލާފައިވަނީ އެ ފައިސާ ނުހޯދައިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލް ވަނީ ކުންފުންޏަށް ލިބެންޖެހޭ ދަރަނިތައް ރަނގަޅަށް ހިސާބުކޮށް އެކަން ނިންމުމަށްފަހު ނޫނީ ސަރުކާރު ހިއްސާވާ ކުންފުނި އުވާނުލުމަށް ލަފާދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!