ފަށްކަނޑަން މީހުންނާއި އިންނަ މީހުންނަށް މާތް ﷲ ލައުނަތްލައްވާފައިވާ ކަމަށާއި، ޝަރުއީ ސަބަބަކާ ލައިގެން މެނުވީ، އަނބިން، އެ ކަނބަލުންގެ ފިރީންގެ ގާތުން ވަރިވާން އެދުމަކީ، އިސްލާމްދީނުގައި ނަހީކުރައްވައިފައިވާ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފަ އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ވަރިކުރުމާއި، އިއްދައާ ބެހޭ ހުކުމްތަކުގެ މައްޗަށެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި، ޝަރުޢީ ސަބަބަކާ ނުލައި އަނބިން އެ ކަނބަލުންގެ ފިރިންގެ ކިބައިން ވަރިވާން އެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ. އަދި ވަރީގެ މައިގަނޑު ދެ ބާވަތެއްގެ ގޮތުގައި ރަޖުޢީ ވަރިއާއި ބާއިނު ވަރި ފާހަގަކޮށްފައިވެ އެވެ.
ހުތުބާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ފުރަތަމަ ވަރިއާއި ދެވަނަ ވަރީގެ ޢިއްދައިގެ ތެރޭގައި، އަނބިމީހާ އިންނަންޖެހޭނީ ފިރިމީހާގެ ހިޔާވަހިކަމުގެ ދަށުގަ އެވެ. މިއީ އެ ހާލަތުގައި ފިރިމީހާއަށް ކައިވެނި ރުޖޫޢަކުރުމުގެ ހައްޤު އޮންނާތީ އެވެ. މިކަމަކީ ޒަވާޖީ ހަޔާތް ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާ މިންވަރު އަންގައިދޭ ކަމެއް ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
ހުތުބާގައި އަދި ބުނެފައިވަނީ، ތިންފަށް ވަރިއަކުން ފިރިމީހާ އޭނާގެ އަނބިމީހާ ވަރިކޮށްފިނަމަ، އެ ފިރިހެނާގެ މައްޗަށް ވަރިކުރި އަންހެނާ ހަރާމްވާނެ ކަމަށެވެ. އަދި ތިންފަށްވެފައިވާ އަންހެނާ، އޭނާ ވަރިކުރި ފިރިމީހާއާ އިނުމުގެ ނިޔަތުގައި، ފަށްކަނޑާން މީހަކާ އިނުމަކީ ހަރާމްކަމެއް ކަމަށާއި، ފަށްކަނޑާން ކައިވެނިކުރާ މީހުންނަށް މާތް ﷲ ލައުނަތްލައްވައިފައިވާ ކަމަށް ކީރިތި ރަސޫލާ (ސ.ޢ.ވ) ޙަދީޘްކުރައްވާފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.