ރަށްރަށުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި މަގުމަތީގައި އުޅޭ ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ބިނާކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމާ ގުޅިގެން، އެތަނުގެ މަސައްކަތްތައް ރަށްތަކަށް ވެސް ފުޅާކުރަންޖެހެއެވެ.
އެކި ރަށްތަކުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަތައްވެސް އެ ވުޒާރާއަށް ހުށަހަޅަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމާއެކު މޮބައިލް ޓީމްތަކެއް އެކުލަވާލުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
“މޮބައިލް ޓީމްތައް އެކުލަވާލާފައި މަގުމަތީގައި އުޅޭ ބުޅާތަކުގެ އުނދަގޫތައް އެންމެ ބޮޑަށް މައްސަލަ ބޮޑުވެފައިވާ ރަށްތަކަށް ފުރަތަމަ ދަތުރުކުރާނީ. އަޅުގަނޑުމެންގެ ވެޓިނަރީ ޑޮކްޓަރުންނާއި ޓީމްތަކުގެ އެކި މެމްބަރުން އެތަންތަނަށް ދަތުރުކޮށް، އުޅޭ ބުޅާތަކުގެ އެސެސްމަންޓެއް ހަދާނެ އަދި ނިއުޓަރ ކުރަންޖެހޭނަމަ އެކަންވެސް ކުރާނެ” މިނިސްޓަރު ރަމީލާ ވިދާޅުވިއެވެ.
ކޮންމެ ރަށެއްގައި ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމުކުރުމަކީ ކުރެވޭނެކަމެއް ނޫންކަން ފާހަގަކުރައްވަމުން، މިނިސްޓަރު ޑރ. ރަމީލާ ވިދާޅުވީ ސަރަހައްދީ ގޮތުން މުސްތަޤްބަލުގައި އެކި ސަރަޙައްދުތަކުގައި ފެސިލިޓީތައް ޤާއިމުކުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި މޮބައިލް ޓީމުގެ ޚިދުމަތްތައް ރަށްތަކުގައި ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.