ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފެށޭނެ- ރައީސް
ދެންމެ | 12 ނޮވެމްބަރ 2024

ރާއްޖޭގައި އަޅާ ފުރަތަމަ ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކެންސަރަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްގެ އަރިމަތީގައި ހަދާ ޑިޕާޓްމަންޓަކުން ދޭންޖެހޭ ފަރުވާ އެއް ނޫން ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު އޮތްގޮތުން ކެންސަރު ބައްޔަށް ހާއްސަ ފުލްފުލެޖް ހޮސްޕިޓަލްއެއް ހުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް އެކުވެރި ދައުލަތްތަކާ މަޝްވަރާކޮށް މިކަން ހަގީގަތަކަށް ހެދުމަށް ހަލުވި ދުވެލީގައި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ނަފުސާނީ ބަލީގެ ކަންކަމަށް ލ.ގަމުގައި ހާއްސަ ހޮސްޕިޓަލެއް ތަރައްޤީކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމަވާފައިވާކަމަށެވެ.ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލުތަކެއްގެ ދަރަޖައަށް ތަރައްޤީކޮށް، މިމަހުގެ މެދެއްހާ ހިސާބުގައި ހިދުމަތް ދެވޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން އެމްޑީޕީގެ ސަރުކާރުގައި ވެސް ތާރީހުތަކެއް ދިނެވެ. އެކަމަކު އެއީ ކޮރަޕްޝަނުގެ އަމަލެއްކަމަށް ސިފަކޮށް 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ހޮސްޕިޓަލް ބޭނުންކުރަން ފެށީ ރަސްމީކޮށް ނުހުޅުވައެވެ.

އައިޖީއެމްއެޗުގައި މީގެ ކުރިން ހިންގި ގިނަ ޑިޕާޓްމަންޓުތަކެއް ވަނީ ދަރުމަވަންތައިގެ އެކި ފްލޯތަކަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!