އިންޑިއާގެ އިތުރުން ދުނިޔޭގައި ވެސް އެންމެ މުއްސަނދި އެއް މަހުޖަނު، މުކޭޝް އަމްބާނީގެ އާއިލާ ރާއްޖެ އަތުވެއްޖެ އެވެ.
މި ދަތުރުގައި އަމްބާނީގެ ހަގު ދަރިކަލުން އަނަންތު އަމްބާނީ ވަނީ މަޑުކޮށްގެން ހުރި ރިސޯޓު، ސޮނެވާ ސީކްރެޓް ކައިރީގައި އޮންނަ ހދ. މަކުނުދުއަށް ގޮސް، އެ ރަށުން ކުކުޅަކާއި ތިން މުސަޅު ގަނެފަ އެވެ.
މިދިޔަ އޭޕްރީލް މަހު ހުޅުވި ލަގްޒަރީ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އަމްބާނީ އާއިލާއާ އެކު ދިޔައީ އިއްޔެ އެވެ. އެކަމަކު މަކުނުދުއަށް ދިޔައީ މިއަދު ހަވީރެވެ.
ތަފްސީލް – އެ ރަށުގެ ޒުވާނެއް ކަމުގައިވާ މުހައްމަދު ޝާނިފް ބުނި ގޮތުގައި، ޒުވާން ވިޔަފާރިވެރިޔާ އެ ރަށަށް ދިޔައީ ޖެޓްސްކީއެއްގައި އެކަންޏެވެ. އެކަމަކު ތަންކޮޅެއް ފަހަތުން އެހެން ޖެޓްސްކީއެއްގައި ބޮޑީ ގާޑަކާއި އިތުރު ދެ މީހުން ދިޔަ އެވެ.
”އޭރު އަޅުގަނޑު އިނީ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ރައްޓެއްސަކާ އެކު މަޑުކޮށްލައިގެން. ހަމަ އެ ތަނަށް އަމްބާނީގެ ޖެޓްސްކީ މަޑުކޮށްލީ. ދެން އަޅުގަނޑުމެން ކައިރިއަށް އައިސް އޭނާ އެހީ މި ރަށުގައި ކުކުޅާއި މުސަޅާއި ދޫނި ކަހަލަ އެއްޗެހި ގެންގުޅޭހޭ،“ ޝާނިފް ކިޔައިދިނެވެ.
”އަޅުގަނޑު ބުނިން ކުކުޅު ގެންގުޅޭ ގެއެއް ހުންނާނެ ކަމަށް.“
އޭނާ ބުނި ގޮތުގައި، އެހާ ހަމައިން ކައިރީގައި ހުރި ބޮޑީގާޑު އެދުނީ އެކަހަލަ އެއްޗެއް ގަންނަން ދިޔުމަށް ކާރެއް ހޯދައިދިނުމަށެވެ.
ޝާނިފް ބުނީ، އަމްބާނީ ކައިރީ އޭރު ހުރި އޭނާގެ ބޮޑީގާޑާއި ދެ ޑޮކްޓަރުން ދެން މިސްރާބު ޖެހީ، މަކުނުދޫގައި ކުކުޅާއި މުސަޅު ގެންގުޅޭ މީހެއްގެ ގެއަށެވެ.
އަނަންތު އަމްބާނީ އިތުރު މީހަކާއެކު މަކުނުދުއިން ފައިބާއިރު ފަހަތުގައި އެ ރަށުގެ ބަޔަކު މަޑުކޮށްލައިގެން. އެ ރަށުގައި އޭނާ މަޑުކުރީ ވިއްސަކަށް މިނިޓް
”އެ ގެއިން އޭނާ 400އެއްހާ ރުފިޔާ ދީފައި ކުކުޅަކާއި ތިން މުސަޅު ގަތް. ދެން އެދުނީ ދޫނި ވިއްކާ ގެއަކަށް ދިޔުމަށް. އެކަމަކު އެ ގެއަށް ދިޔައިރު އެ ގޭގައި މީހުން ނޫޅޭތީ ދެން ބޭނުންވީ ރަށުގެ ހާއްސަ ތަނެއް ބަލާލަން ދާން،“ ޝާނިފް ބުންޏެވެ.
އެކަމަކު ރަށުތެރެއަށް ނުގޮސް އެ މީހުން ދިޔައީ ފުރަން އަތިރިމައްޗަށެވެ. އޭރު ރަށުގެ އަތިރިމަތީގައި، އަމްބާނީގެ ހިމާޔަތުގައި ގިނަ ބޮޑީގާޑުންނާއި ރިސޯޓު މުވައްޒަފުން ތިބި ތިން ލޯންޗު އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
ޖަނަވާރަށް ލޯބި ކުރާ އަނަންތަކީ، ދުނިޔޭގައި ހުންނަ އެންމެ ބޮޑު އެނިމަލް ޝެލްޓާގެ ވެރިޔާ އެވެ. ޒުވާން ވިޔަފާރިވެރިޔާ މި ފަހުން މީހުންނަށް ބޮޑަށް މީހުންނަށް އެނގެން ފެށީ، މީގެ ހަތަރު މަސް ކުރިން ބޭއްވި އޭނާގެ ކައިވެންޏަށް ފަހު އެވެ.
ގިނަ މީހުން އެ ހަފުލާ ސިފަކޮށްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކައިވެނީގެ ހަފުލާގެ ގޮތުގަ އެވެ.