މިވެރިކަން އައިފަހުން މިރާއްޖޭގައި ފަގީރަކު ނެތް: ސަން ސިޔާމް
ދެންމެ | 22 އޯގަސްޓް 2023

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖެއިން ފަގީރުކަން ނެތި ހިނގައްޖެކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ސިޔާމް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމްގެ ކެމްޕެއިނަށް އެމަނިކުފާނުގެ އަރިހުގައި ބ. ތުޅާދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އޭނާ ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި ހޭދަކުރެވުނު 25 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ސިޔާސީ ލީޑަރުންގެ އަރިހުގައި ރާއްޖޭގެ ރަށްރަށަށް ދަތުރު ކުރެވުނު ކަމަށާއި އެހެންނަމަވެސް، އެ ރަށްރަށަށް ވަޑައިގެން އެ ލީޑަރުން ރައްޔިތުންގެ ވާހަކަތައް އަޑު ނާއްސަވާކަމަށެވެ.

ނަމަވެސް ރައީސް އިބްރާހިމްގެ އަރިހުގައި ރާއްޖޭގެ 90އަށް ވުރެ ގިނަ ރަށްރަށަށް ދެވިއްޖެކަމަށާއި ފެނުނީ ފާއިތުވި 25 އަހަރު އެ ރަށްރަށުގެ ރައްޔިތުން އެދެމުންދިޔަ ނަރުދަމާއާއި ސާފު ބޯފެނުގެ އިތުރުން ކަރަންޓުގެ ހިދުމަތް ގާއިމްކޮށްދީ ނިމިފައިވާ މަންޒަރުކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމްގެ ދެން އަންނަ ވެރިކަމެއްގައި ބ. އަތޮޅުގެ ކުދި ބޮޑު ހުރިހާ ރަށެއްގައި ފަތުރުވެރިކަން ”ހަބޭހަށް“ ފެތުރިގެން ދާނެކަމަށާއި، އެކަމުގެ ސަބަބުން ހީނުކުރާ ވަރަށް ގައުމުގެ އިގްތިސާދު އެތަށް ގުނައެއް މައްޗަށް ޖެހިގެން ދާނެ ކަމަށެވެ.

އަދި ރައީސް އިބްރާހިމްގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ފަގީރުކަން ނެތިއްޖެ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

”އަޅުގަނޑުމެން ރާއްޖޭގައި ފަޤީރުކަން ނެތި ހިނގައްޖެ! އަޅުގަނޑުމެންގެ ރާއްޖޭގައި ފަޤީރުކަން މިއަދު ބޭނުމެއް ނުވޭ“ ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ރައީސް އިބްރޙާިމްގެ ވެރިކަމާއެކު ވިޔަފާރި ކުރާ އެއްވެސް ފަރާތެއްގެ ވިޔަފާރި ކުރިއަށް ނުގެންދެވިގެން އުޅެއް ނުޖެހޭނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!