ގިނަ އެމްބަސީތަކުން ފައިދާއެއް ނުވޭ؛ 50 ޕަސެންޓް މަދުކުރަން ޖެހޭ: ސިޔާމް
ދެންމެ | 19 ނޮވެމްބަރ 2024

ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ހިންގާ ގިނަ އެމްބަސީތަކުން ވާ ފައިދާއެއް ނެތް ކަމަށާއި، އެހެންވެ އެމްބަސީތަކުގެ 50 ޕަސެންޓް މަދުކުރަން އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރައްވާ ސިޔާމް ވަނީ ބަޖެޓު ފޮތުގައި އެމްބަސީތަކަށް ކުރާ ޚަރަދުގެ ގޮތުގައި ފޮރިން މިނިސްޓްރީއަށް ކަނޑައަޅާފައިވާ އަދަދުތަކާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން ފޮރިން މިނިސްޓްރީއަށް ޚަރަދުކުރުމަށް، 2024 ވަނަ އަހަރުގެ ބަޖެޓަށް ވުރެ 2025 ވަނަ އަަހަރުގެ ބަޖެޓުގައި 40 ޕަސެންޓު އިތުރުވެފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

”ސިންގަޕޫރުގަ ހުންނަ އެމްބަސީއަށް ޚަރަދުކުރަން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. މިހެން ގޮސް ބެންކޮކްގަ ހުންނަ އެމްބަސީއަށް ޚަރަދުކުރަން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. ދުބާއީ އެމްބަސީއަށް އެތައް މިލިއަން ރުފިޔާއެއް. އެކި ގައުމުތަކުގަ އެމްބަސީތައް ހުޅުވައިގެން ވާކަމެއް ނެތް ހަރާމް،“ ސިޔާމް ވިދާޅުވިއެވެ.

”ކީއްކުރަންތޯ މިހުރިހާ ފައިސާއެއް؟ މިދިޔަ އަހަރުގެ ބަޖެޓަށް ވުރެ 40 ޕަސެންޓް އިތުރަށް މިއޮތީ ކޮންމެ ތަނެއްގަ ފޮރިން އެމްބަސީތައް ހިންގުމަށް ޚަރަދުކުރަން. ހެޔޮވާނީ ކިހިނެއްތޯ؟ ކޮބައިތޯ މީގެ ބޭނުމަކީ؟ ސިންގަޕޫރުން މި ގައުމަށް ލިބޭ އެންމެ ފައިދާއެއް ޚިދުމަތެއް އިއްޒަތްތެރި ރައީސް އަޅުގަނޑަށް ދަންނަވައިދެއްވަބަލަ؟ ތައިލެންޑުން މި ގައުމަށް ދޭ އެއްވެސް އެއްޗެއް ދައްކަބަލަ،“ ނުރުހުން ފާޅުކުރައްވާ ސިޔާމް ވަނީ އެތައް ސުވާލެއް ކުރައްވާފައެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި އެމްބަސީތައް ހަދައި، ރާއްޖޭގެ ޓެކްސް ޕޭޔަރުން ދޭ ހުރިހާ ފައިސާތަކެއް ޚަރަދުކުރުމުގައި ކޮންމެވެސް ވަރަކަށް މިހާރު މިވަނީ ވިސްނާލަން ޖެހިފައެވެ. އަދި އެކަމާ ލަދުވެތިވެ، ބިރުވެތިވާން ޖެހިއްޖެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެމްބަސީތަކުން މިހާރު ކުރާ ޚަރަދަށްވުރެ، 50 ޕަސެންޓް ކުޑަކުރުމަށް ސިޔާމް ވަނީ ގޮވާލައްވާފައެވެ.

”އެމްބަސީތައް މި ހުޅުވަނީ ކީއްވެގެންތޯ؟ އެ ތަންތަނުން އަޅުގަނޑުމެންނަށް ފައިދާ ހޯދުމަށްޓަކައި. އަޅުގަނޑު މިއަދު ގޮވާލަން މި އެމްބަސީތައް ވަގުތުން ވަގުތަށް 50 ޕަސެންޓު މަދުކުރަން. 40 ޕަސެންޓް އިތުރުކުރުމުގެ ބަދަލުގައި 50 ޕަސެންޓް ޚަރަދު ކުޑަކުރަންޖެހިއްޖެ މިއަދު،“

ސިޔާމް ވިދާޅުވީ މި ގައުމަށް ލިބޭ ފައިސާ ވެސް ގިނަ ކަމަށާއި އެކަން އެންމެން ވެސް ދަންނާނެ ކަމަށެވެ. އަދި މި ގައުމަށް ލިބޭ ހުރިހާ ފައިސާއެއް ލިބެނީ ހަމައެކަނި ފަތުރުވެރިކަމުގެ ތެރެއިންކަމަށް ސިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް ވިސްނަންވީ ކަމަކީ ގައުމަށް ލިބޭ ފައިސާ ޚަރަދުކުރަންވީ އިންސާފުވެރިކަމާއެކު ކަމަށް ސިޔާމް ވިދާޅުވިއެވެ.

”ވައްކަން ނުކުރަންވީ. ކޮރަޕްޓް ނުކުރަންވީ. އިސްރާފުނުކުރަންވީ،“ ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އިސްލާމްދީނުގެ އެންމެ މަތިވެރި އުސޫލަކީ ކަންކަން ނިންމާއިރު މަޝްވަރާކުރުން ކަމަށެވެ. އެހެންނަމަވެސް ބަޖެޓުގެ ކަންކަން ނިންމިއިރު، މަޝްވަރާނުކުރީތީ ހިތާމަކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

”އަޅުގަނޑުމެންނާ ކީއްވެތޯ މަޝްވަރާނުކުރައްވަނީ؟ އަޅުގަނޑުމެންނާ މަޝްވަރާކުރައްވަންވީ ނޫންތޯ؟ އިއްޒަތްތެރި ރައީސް ކޮންމެވެސް އެއްޗެއް އެނގޭނެ ނޫންތޯ މިއޮތްހާ ދުވަސް ވީއިރު [މަޖިލީހުގަ]. އަޅުގަނޑުމެންނާ މަޝްވަރާއެއް ނުކުރޭ މިފަހަރު އެއްވެސް ކަމެއްގަ. މަޝްވަރާކުރަންވާނެ. އަޅުގަނޑުމެންގެ ޚިޔާލުވެސް ހޯދަން ވާނެ. މަޖިލީހުގަ މިތިބި މެންބަރުންނަކީ މިތާތިބި ބޯތަކެއް ނޫން،“ ސިޔާމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތަފްސީލުތައް އެނގިވަޑައިނުގަންނަވާތީ ސިޔާމް ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!