ލުބުނާނާއި އެކު ދިވެހިން އަބަދުވެސް ދެމިއޮންނާނެ: ރައީސް
ދެންމެ | 22 ނޮވެމްބަރ 2024
ލުބުނާންގެ އަޚުންނާއި އުޚުތުންނާއެކުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލުބްނާނުގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަޒްމީ މީޤާތީއަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލުބުނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުއްވާފައެވެ.

”ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި ޤައުމުގެ މިނިވަން ދުވަސް އައިސް ބައްދަލުކުރި މި ދަނޑިވަޅަކީ ލުބްނާނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ކަމުގައި ފާހަގަކުރައްވަމުން، އެ ޤައުމުގެ އަޚުންނާއި އުޚުތުންނާއެކުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.“ ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ލުބްނާނުގެ ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!