ހުޅުމާލޭގައި ކޭ-ޕާކް ރެސިޑެންސް ހަދަން ހަވާލުވި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ މަޝްރޫއަށް ކަނޑައެޅި ކްރައިޓީރިއާގެ އެންމެ ދަށް މާކްސް ލިބޭ ފެންވަރުގެ ކުންފުންޏެއް ވެސް ނޫން ކަން އެޗްޑީސީގެ އިންޓާނަލް އޮޑިޓުން ފާހަގަވެއްޖެ އެވެ.
މައްސަލައިގެ ފެށުން – ހުޅުމާލޭގައި މަތީ ފެންވަރުގެ ފްލެޓްތައް އަޅަން ސައުތު ކޮރެއާގެ ކުންފުންޏެއްް ކަމަށްވާ ހަންބޯއާ ހަވާލުކުރީ 2016ގަ އެވެ. އެގޮތުން:
އެ މަޝްރޫއުގެ ދަށުން ’ކޭ ޕާކް ރެސިޑެންސް’ގެ ނަމުގައި ހަދަން ފެށި އެޕާޓުމަންޓް އިމާރާތް ނިންމަން ދިން ދެ އަހަރު ވާއިތުވެ ހަތް އަހަރު ވީ އިރު ވެސް ނުނިމޭ
އެ ތަނުގެ އެއް ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) އެތައް އެޕާޓްމަންޓެއް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމުގެ ތުހުމަތުގައި ދައުވާކޮށް ޝަރީއަތް ވެސް ވަނީ ފަށާފައި
އެ މަޝްރޫއު ނުނިމި ދިގުލައިގެން ގޮސް ފްލެޓްގަތް އެތައް ބަޔަކަށް ގެއްލުންވެ ޝަކުވާތައް ވަނީ ބޮޑުވެފައި
ގިނަ ބަޔަކު ދަނީ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަމުން
ވީ ކިހިނެއް؟ – ހަންބޯއާ މެދު އެޗްޑީސީން އަމަލުކޮށްފައިވާ ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވުމުން، އެޗްޑީސީން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުވި ރިޕޯޓުގައި، އިންޓާނަލް އޮޑިޓް ރިޕޯޓުގެ ހޯދުންތައް ހިމަނާފައިވެ އެވެ.
ތަފްސީލް – އެޗްޑީސީގެ އިންޓާނަލް އޮޑިޓުން ފާހަގަވި ކަންކަމަކީ:
ހަންބޯއަށް މަޝްރޫއު ހަވާލުކުރި ފަހުން، އެޗްޑީސީގެ މުވައްޒަފެއް ކަމަށްވާ އަބްދުއްނާފިއު އާއި މަމްދޫހު ގުޅިގެން ވިޔަފާރީގެ އެކި ކަންކަން ހިންގާފައިވޭ
މަމްދޫހާއި ނާފިއު ގުޅިގެން އެކި ނަންނަމުގައި ކުންފުނި ހަދައި، އެ ކުންފުނިތަކުން ކޭ-ޕާކް މަޝްރޫއު އިޝްތިހާރުކޮށްފައިވާ ކަން
މިހާރު އެޗްޑީސީގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް މަގާމު ދަށްކޮށްފައިވާ ނާފިއުއަކީ މަޝްރޫއުގެ އިވެލުއޭޝަންގައި ވެސް އުޅުނު މުވައްޒަފެއް
މަޝްރޫއަށް ކުރިމަތިލި ކުންފުނިތަކުގެ އިވެލުއޭޝަން އަލުން ހެދިއިރު ހަންބޯއަށް އެންމެ ދަށް ކްރައިޓީރިއަށް ކަނޑައެޅި ވަރަށް ވެސް މާކްސް ނުލިބޭ.
އެނގުން މުހިންމު – އެޗްޑީސީން މަޖިލީހަށް ދިން މައުލޫމާތުން އެނގުނު ގޮތުގައި މަޝްރޫއު މިހާރު ހިންގަނީ މަޝްރޫއު ހަވާލުކުރި މައި ކުންފުނި ހަންބޯ ޓެކް ކޮރެއާ އިންނެވެ. މިހާރު ލަފާކުރަނީ 30 މާޗު 2025ގެ ނިޔަލަށް މަޝްރޫއު ނިންމާށެވެ.
އެ މުއްދަތަށް މަސައްކަތް ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލްކުރަން ވެސް އެޗްޑީސީގެ ބޯޑުން މިދިޔަ ސެޕްޓެމްބަރު ފާސްކޮށްފައިވާ ކަމަށް މަޖިލީހަށް ދިން މައުލޫމާތުން އެނގެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް – ކޭ-ޕާކް މަޝްރޫއުގައި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވި ނަމަވެސް، މަޝްރޫއު ހިންގާ މައި ކުންފުނި ހަމްބޯ ޓެކް ކޮރެއާއިން ވަނީ އެ މަޝްރޫއު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ވެސް ދީފަ އެވެ.
އެ ކުންފުނިން ބުނީ މައްސަލަ ޖެހުނީ ރާއްޖޭގެ އެޖެންޓް ކުންފުނި، ހަންބޯ މޯލްޑިވްސްއާ ދެމެދު ކަމަށެވެ. އެ މައްސަލަ ފެންމަތިވުމާ އެކު ދެ ކުންފުނިން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.