ރައީސް އިބުރޭ ގެންދަނީ ލަދެއްނެތި މެމްބަރުންނަށް ދައުލަތުން ރިސްވަތު ބަހަމުން: ރައީސް ނަސީދު
ދެންމެ | 26 އޯގަސްޓް 2023

ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ލަދެއް ނެތި، ބިރެެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީސް މެންބަރުންނާއި އާއްމުންނަށް ރިޝްވަތުދެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީތެއްގައި ވިދާޅުވީ، ރައިސް ސޯލިހް ލަދެއް ނެތި، ބިރެެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލީސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތުދެމުންދާ ކަަމަށެވެ.

”ތިޔަކަމުން ވާނެ މޮޅެއް ނޯންނާނެ، ވާނީ މަނިކުފާނު ފަޟީހަތް“. ނަޝިދު ވިދާޅުވިއެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާން (ގިޓާ) އެމްޑީޕީ އަށް ސޮއި ކުރެއްވުމާއި ގުޅިގެންނެވެ.

ޝިޔާންއަކީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި 12 މެމްބަރުންގެ ތެރެއިން އެއް މެމްބަރެކެވެ. އޭނާ ވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް މެމްބަރުންގެ ތެރޭގައެވެ. މި ފަހަކާ ޖެހެންދެން ވެސް ޝިޔާން ހުންނެވީ ނަޝީދާއެކުގައެވެ.

އަދި މީގެ ކުރިން ދަ ޑިމޮކްރެޓްސްއާ އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި އެހެން ހުރިހާ މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެއިރު ނަޝީދު ވިދާޅުވީ، ވަގުތީ ފައިދާގެ ދަޅައިގެ އަވާގައި ޒުވާން، އުމުރުގައި ބައެއް ބޭފުޅުން ޖެހިގެންދާކަމަށެވެ.

”އަޅުގަނޑު ދަންނަވާނީ ވަަރަށް ހިތާމަހުރި ކަމެކޭ, އަޅުގަނޑު ނުދެކެން ކުޅުދުއްފުށީ ރައްޔިތުންގެ ޒަމީރު މިހާ އަވަހަށް ހިނގައިދާނެ ކަމަކަށް، އަޅުގަނޑު ދެކޭގޮތުގައި ތިބޭފުޅުންގެ ތަރައްގީގެ ތަސައްވަރެއް އޮންނާނެ، ތިބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް. އަދި އަޅުގަނޑު ދެކޭ ގޮތުގައި ކުޅުދުއްފުށި އެއްވެސް ރައްޔިތަކު ނޭދޭ އެ މީހުން ބަޔަކަށް ދޭ ތާއިދު އެއީ ވިޔަފާރީގެ މުއާމާލަތެއްގެ ގޮތުގައި ހަދާ އޭގެން ތިން އަހަރު ހަތަރު މީހަކަށް އެތައް މިލިއަން ރުފިޔާ ލިބޭނެ ގޮތަކަށް ކަންކަން ވެގެން ދާކަށް.“. ނަޝީދު އެއިރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!