މާޔޫސް ނުވޭ! މާތްﷲ ވޮޑިގެން ވަނީ ތިބާއިއެކު.
ދެންމެ | 04 ޑިސެމްބަރ 2024

ޙަޔާތުގެ ކޮންމެ ދުވަހަކީ އެއްގޮތަކަށް ކަންކަން މެދުވެރިވާނެ ދުވަހެއް ނޫނެވެ. ބައެއް ދުވަސްތަކަކީ އުފާވެރި ދުވަސްތަކެވެ. އަނެއްބައި ދުވަސްތަކަކީ ހިތާމަވެރި ދުވަސްތަކެވެ. މި ދެ ޙާލަތުވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. ދެ ޙާލަތުވެސް މިންވަރު ކުރައްވަވަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ މީސްތަކުން އިމްތިޙާން ކުރެއްވެވުމަށެވެ.

އެހެންކަމަށްވާއިރު އުފަލުގައި ހުރެވޭ ދުވަސް އެއީ ތިމާގެމަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާ ދުވަސްކަމަށް ޤަބޫލުކޮށްފައި ދަތިކަމެއް ކުރިމަތިވީމާ ތިމާގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅު ނުކުރައްވަވަނީ ކަމަށް ޤަބޫލުކުރަން ހެޔޮވާނީވެސް ކިހިނަކުން ހެއްޔެވެ؟

މީސްތަކުންނޭވެ! އެދޭ ކަންކަން ފުއްދަވައި ދެއްވެވުން ލަސްކުރައްވަވަނީވެސް އަދި ދަތި އުނދަގޫ ކަންކަން ކުރިމަތިކުރައްވަވަނީވެސް ހަމަ އަހަރެމެންގެ ފައިދާއަށެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރުމުގެ ވިސްނުން އެމހަކު ލިބިގަނެތޯ ބެއްލެވުމަށެވެ. ވީމާ ދަތިޙާލުގައިވެސް އުފާވެރި ޙާލުގައިވެސް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. ހުރިހާ ކަންބޮޑުވުންތައް ފިލުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

ވިސްނާށެވެ! އެމީހަކު ބޭނުންވެގެން އުޅޭ ކަމެއް ނުފުދި ލަސްވާނަމަ، ނުވަތަ ހިތްދަތިކަމާއި ދަތިޙާލުގައި އުޅެންޖެހިއްޖެނަމަ ތިމާގެމަތިން ﷲ ތަޢާލާ ހަނދުމަނެތިކޮށްލައްވަވައިފިކަމަށް ޤަބޫލުކުރުމަކީ ކުރެވޭ ވަރަށް ނުބައި ކަމެކެވެ. ޙަޤީޤަތަކީ އެގޮތަށް ޤަބޫލުކުރެވޭ މީހުންނަކީ ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލައިގެން ތިބި ބައަކު ކަމެވެ.

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!