މިއަދު ރައީސް ޑރ. މުއިއްޒު ކެޔޮޅުންނާއި ރައީސް އޮފީހުގައި ބައްދަކުރެއްވި އިރު ކެޔޮޅުންގެ ތެރޭގައި އެކުވެރި ކެޔޮޅު މުހައްމަދު މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި ރައީސް އަރިހުގައި އިންތަން ފެނުމުން ދޭހަވި ދެތިންކަމެއް ދަންނަވާލާނަން.
– މަސްވެރިންނަކީ މަސްވެރިކަމާއި ޖެހުމުން ސިޔާސީވާ ބައެއް ނޫންކަން އެމަންޒަރު ފެނުމުން ދޭހަވި. އިއްޔެ ކެޔޮޅުހުރީ އިދިކޮޅު ޕޯޑިއަމްގައި ރައީސްގެ ސިޔާސަތަށް ހުވަދޫބަހުން ފާޑުކިޔަން.
2022ވަނަ އަހަރުގައި ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތު ހިނގަމުން ދިޔައިރު އެތަނުގައި އަޅުގަނޑުވެސް ހުރީމު. ހިމޭން ހަޅުތާލުގައި މަސްވެރިންތިބި އިރު އެރަސްމިއްޔާތަށް އެރަށަށް ވަޑައިގެންނެވި ދައުލަތުގެ އެއްވެސް ވެރިއަކު ރައީސުލްޖުމުހޫރިއްޔާވެސް ހިމެނޭގޮތުން ހަޅުތާލުގައި ތިބި މަސްވެރިންނާއި އަނގައިން ބުނެނުލިތަނުގައި އެމަސްވެރިންނަށް ބަލާވެސް ނުލެއްވި.
އެދުވަހު އޭރުގެ މަސްވެރިކަމާއިބެހޭ ވަޒީރު، އެދުވަހުގެ އެއްމެ ޝަރަފްވެރި އިނާމު ”ކެޔޮޅު އެވޯޑު“ ލިބުމަށް ހަމަޖެހިފައިވާ ކެޔޮޅާއި ވާހަކަ ދެއްކުމުގެ ތެރޭގައި ކެޔޮޅު މިނިސްޓަރަށް އިންޒާރު ދިންކަމަށް ބުނެ އެކެޔޮޅަކީ ސެކިއުރިޓީ ތްރެޓެއްކަމަށް ނިންމާ, އެވޯޑު ނުދިންތަނުގައި ރަސްމިއްޔާތު ހިނގަމުން ދިޔަ ތަނަށް ވެސް ނުވެއްދި.
– މިހާރުގެ ރައީސް ޑރ. މުއިއްޒު މިވަނީ އެމަނިކުފާނަކީ ވަކި ފިކުރެއްނެތި ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާ ރައްޔިތުންގެ ޚާދިމެއްކަމުގައި ދައްކަވާފަ. އިގްތިސާދީ ދަތި ހާލަތުގައިވެސް މަސްވެރިންނަށް އެދެއްވީ ފޮނި އުންމީދުތަކެއް.