އާރުޑީސީގެ 13 މިލިޔަނުގެ ހިޔާނާތް ތަހްގީގް ކުރުމަކީ މޮޔަކަމެއް: ރައީސް އިބްރޭ
ދެންމެ | 12 ޖުލައި 2023

ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓާ މޫސާ އަލިމަނިކާއި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު، ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލަ ތަހުގީގު ނުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުލުހުންނަށް އަންގައިފި އެވެ.

ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ޔާސިރުގެ އަމިއްލަ އެކައުންޓަށެވެ. އޭނާގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު އެ ފައިސާ ބޭނުންކުރި ގޮތުގެ ތަފުސީލުތަކެއް އެނގޭކަށް ނެތެވެ. ޔާސިރަކީ މޫކޭގެ ޅިޔަނެކެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން ތަހުގީގު ކުރަންފެށީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިން މައްސަލައެއްގެ ގޮތުގައި ކަމަށް އެ މައްސަލަ ތަހުގީގުކުރާ ޓީމުގައި ހިމެނިވަޑައިގަންނަވާ ފުލުހުންގެ އޮފިސަރެއް މައުލޫމާތު ދެއްވި އެވެ.

މައްސަލައިގެ ތަހްގީގް ކުރިއަށް ގެންދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފުލުހުންގެ އިތުރަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ) ގުޅިގެން ކަމަށްވެސް މައްސަލަ ތަހުގީގުކުރުމުގައި އުޅުއްވާ ފުލުސް އޮފިސަރު ވިދާޅުވި އެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި އެ މައްސަލަ އެފްއައިޔޫގެ ސަމާލުކަމަށް އައިސް ބަލަމުންދާތާ މިހާރު 3 ވަރަކަށް މަސްވެއްޖެ އެވެ.

އެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށުމާ ގުޅިގެން ތަހުގީގު ހުއްޓުވުމުގެ މަސައްކަތް ސަރުކާރުގެ ނުފޫޒުގަދަ ބައެއް ވެރިން ކުރަން ފެށިކަން އޭރު ވެސް ވަނީ ހާމަވެފަ އެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކަމަށް މައުލޫމާތު ދެއްވި ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ.

އަދި އެ ތަހުގީގު ހުއްޓާލުމަށް މިހާރު ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުލުހުންނަށް އަންގާފައިވާ ކަމަށް މިއަދު މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ހިޔާނާތުގެ ބޮޑު އެ މައްސަލަ ތިން މަސް ކުރިން އެންމެ ފުރަތަމަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްގެ ސަމާލުކަމަށް އައިސްގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފެށި ދުވަސްކޮޅު މޫކޭ ވަރަށް ބޮޑަށް ސިޔާސީ ހަރަކާތްތަކުން އެކަހެރިވެގެން އުޅުނުކަމަށް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ކަށަވަރު ކޮށްދިނެވެ. އަދި އެދުވަސްވަރު ޕާޓީގެ ހަރަކާތްތަކުންވެސް އޭނާ ކޮންމެވެސް ވަރަކަށް ދުރުކުރިކަމަށްވެ އެވެ.

ފައްޔާޒު މައްސަލައިގެ ތެރެއަށް އަތް ބާންނަވައި ތަހުގީގު ހުއްޓުވަން މަސައްކަތްކުރީ މޫކޭ އޭނާ ކިބައިން އެކަމަށް އެދިވަޑައިގަތުމުންނެވެ. އެގޮތުން އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ހަރަދުކުރެވުނު ގޮތް ފެންނަންނެތް ނަމަވެސް ފައިސާ ހަރަދުކޮށްފައިވާނީ ކުންފުނީގެ ކަންކަމަށް ކަމަށް މޫކޭ ވިދާޅުވި އެވެ.

އަދި ރިޔާސީ އިންތިހާބު ކުޑަތަންވެފައިވަނިކޮށް އެ މައްސަލަ ފެންމަތިވެއްޖެނަމަ ސަރުކާރަށާއި، ހާއްސަކޮށް ރައީސް އިބްރާހީމްއަށް ސިޔާސީ ގޮތުން ބޮޑު ގެއްލުމެއް ވާނެކަމަށްވެސް މޫކޭ ފައްޔާޒު އަރިހުގައި ވިދާޅުވެފައިވާކަމަށް މި މައްސަލައިގެ ތަފުސީލު އެނގިވަޑައިގަންނަވާ އެމްޑީޕީގެ އިސް ބޭފުޅަކު މައުލޫމާތު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!