ސްޓެލްކޯގެ ލީގަލް މެނޭޖަރުގެ މަގާމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމު ހަމައްޖައްސައިފި އެވެ.
އެ މަގާމުން ހަލީމަށް ލިބޭ މުސާރަ އާއި އިނާޔަތްތަކުގެ ތަފުސީލެއް ސްޓެލްކޯ އިން ހާމައެއް ނުކުރެ އެވެ.
ގާޒީކަމުން އިސްތިއުފާ ދެއްވުމަށް ފަހު ހަލީމް ފަހުން ބޮޑަށް ފެނުނީ ސިޔާސީ ކަންކަމުގެ ތެރެއިންނެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ، އެމްޓީޑީގެ ހަރަކާތްތަކުގައި ހަލީމް އުޅުއްވަ އެވެ. ”އިންޑިއާ އައުޓް“ ހަރަކާތާ ދެކޮޅަށް ދާދި ފަހުން ރައީސް އަބްދުﷲ ޔާމީންގެ ކައިރިއަށް އެއްވި މީހުންގެ ތެރޭގައި ވެސް އިސްކޮށް ހުންނެވީ ހަލީމެވެ. އެގޮތުން ”މޯލްޑިވްސް ޔޫތު ފޯސް“ ގެ އެއް ހެޑަކީ ވެސް ހަލީމެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނަގެ އާއިލާގެ ބަޔަކު ހިންގި ޕޮންޒީ ސްކިމާ ގުޅިގެން އަލްހާންގެ ”ކިންގްސް ކެޕިޓަލް ހޯލްޑިންސް“ ގެ ވަކީލުންގެ ޓީމްގައި ވެސް ހަލީމް މަސައްކަތްކުރެއްވި އެވެ.
އޭނާ ސްޓެލްކޯގެ ލީގަލް މެނޭޖަރުގެ މަގާމަށް ހަމަޖެއްސި އިރު އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ފައިސާ ދައްކަން ހަލީމުގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ވެސް ކޮށްފައިވެ އެވެ.