ދައްކަން މިއުޅެނީ ވަރަށް ގިނައިން ފެންނަކަމެއްގެ ވާހަކައެވެ. އެންމެ ގާތްކޮށްއުޅޭ އެކުވެރިންގެ ތެރެއިންވެސްމެއެވެ. ރަނގަޅަށް ކަންކަން އޮޅުން ނުފިލައި ހުރެ މީހަކަށް ބަހެއް ބުނެވިއްޖެނަމަ އެތަނުގައި ތިބޭ މީހުން އޭނާގެ އަގު ވައްޓައިލާތީއެވެ. އޭނާއަކީ އެއްވެސް ކަމެއް ނުއެނގޭ ކަމަށް ހަދައި ނިކަމެތިކޮށްލުމެވެ. ވިސްނާށެވެ! އެކަން އޭނާއަށް ނުއެނގުނަސް އޭނާއަށް އެހެންކަންކަން މާފުރިހަމައަށް އެނގިފައިވެސް ހުރެދާނެއެވެ.
އެމީހަކަށް ނުއެނގޭ، ތަޤީންނުވާ ކަންކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. އެހެނަސް އެމީހަކަށް އެނގިފައި އޮންނަ އޮތުމުގެ މައްޗަށް ބުރަވެ ބައެއް ފަހަރު ބަސް ބުނެވެއެވެ. އެފަދަ ކަމެއް ދިމާވެއްޖެނަމަ އޮތީ އެމީހަކު ދެރަކޮށް ނިކަމެތިކޮށްލުމެއް ނޫނެވެ. ކަމުގެ ރަނގަޅު ގޮތް ބުނެދިނުމެވެ.
ޤަބޫލުކުރަންވީ ތިމާއަށްވެސް ހުރިހާ ކަންކަން ނުއެނގޭނެކަމެވެ. ނުއެނގޭ އެތައް ބައިވަރު ކަންކަން ހުންނާނެ ކަމެވެ. އެއްވެސް މީހަކީ ހުރިހާ ކަންކަން އެނގޭނެ މީހެއް ނޫނެވެ. ވިސްނައިލަމާ ހިނގާށެވެ. ހުރިހާ ކަންކަން އެންމެ މޮޅަށް އެނގިވަޑައިގެންނެވި އިންސާނަކީ ރަސޫލް ﷺ އެވެ. އެކަމަކު އިތުރު އެކަލޭގެފާނަށްވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅަށް އިންތިޒާރުކުރައްވަން ޖެހިވަޑައިގެންނެވި އެތައް ކަމެއް ކުރިމަތިވެވަޑައިގެންނެވިއެވެ.
ވީމާ ތިމާއަށް ކަމެއް އެނގިފައި އޮތުމަކީ ފަޚުރުވެރިވާންޖެހެންވީ ކަމެއް ނޫނެވެ. އެއީ ތިމާއަށް ﷲ ދެއްވެވި ނިޢްމަތެއްކަން ޤަބޫލުކޮށް ޝުކުރުވެރިވެ ތިމާއަށް އެނގޭ ކަންކަން އެހެންމީހުންނަށް އުނގަންނައިދޭށެވެ. އެއިރުން އެކުރެވެނީ އަޅުކަމެކެވެ.
ގިނަ ފަހަރަށް އަނެކާ ދެރަކޮށް ނިކަމެތިކޮށްލަނީ ޚިޔާލުތަފާތުވުމުންނެވެ. ތިމައާއި ޚިޔާލުތަފާތު މީހަކަސްވާތީ ދެރަކޮށްލުމަށެވެ. އެކަމުގައި މަޝްހޫރު ދީނީ ޢިލްމްވެރިޔާ މުފްތީ މެންކް ވިދާޅުވެފައިވަނީ މިފަދައިންނެވެ. ”ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫނެވެ! ޚިޔާލުތަފަތުވިޔަސް އަނެކާ ނިކަމެތިކުރުމުގެ ބަހެއް ބުނުމަކީ ފާފައެކެވެ. ތަންދޮރު އޮޅުންފިލާ މީހުން އަނެކާ ނިކަމެތިކޮށް އަގުވައްޓާލުމުގެ ފާފަ ވަކިންބޮޑެވެ! މިފަދަ ކަންކަމާ ދުރުހެލިވާށެވެ! އެހެން މީހުންގެ އަގު އުފުލާމީހަކަށްވާށެވެ!“
–އިސްލާމީ ތިލަފަތުގެ ދަރުސަކުން