ޖަޕާންގެ ކުރީގެ ބޮޑުވަޒީރު އަބޭ މެޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި
ދެންމެ | 08 ޖުލައި 2022

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ކެމްޕެއިންގައި ސްޕީޗެއް ދެއްވަން ހުންނަވަނިކޮށް މެޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި އެވެ.

ޖަޕާންގެ އެންއެޗްކޭ ޓީވީން ފަޔަ ޑިޕާޓްމަންޓާ ހަވަލާދީ ބުނީ އުމުރުން 67 އަހަރުގެ އަބޭ އަށް ދިން ހަމަލާއަށް ފަހު ހާޅު ސީރިއަސް ކަމަށެވެ

ޖަޕާން ފުލުހުން ބުނި ގޮތުގައި އަބޭ އަށް ހަމަލާ ދީފައިވާ ކަމަށް ބެލެވެނީ ޝޮޓް ގަން އަކުން އޭނާގެ ފުރަގަހުންނެވެ. ހަމަލާ ދިނުމާ އެކު އަބޭ މަގުމައްޗަށް ވެއްޓުނީ އެވެ. އެއީ ޖަޕާނު ގަޑިން މިއަދު މެންދުރު ކުރީ 11:30 ހާއިރު އެވެ.

އެންއެޗްކޭ އިން ރެކޯޑްކޮށްފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ބަޑި ޖެހުމާ އެކު އަބޭ ވެއްޓެނީ މޭގައި އަތް އަޅައިގެން ހުރެ އެވެ. އޭރު އޭނާގެ ހުދު ގަމީސް އޮތީ ލެއިން ފޯވެފަ އެވެ.

ކިޔޯޑޯ ނިއުސް އިން ބުނި ގޮތުގައި ހަމަލާއާ އެކު އަބޭގެ ހިތް ވަނީ ހުއްޓުނީ އެވެ.

މާދަމާ އޮންނަ، ގާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ކެމްޕޭނުގައި އުޅުއްވަނިކޮށް އަބޭ އަށް ހަމަލާ ދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެންއެޗްކޭ އިން ބުނީ ބަޑި ޖެހީ އުމުރުން 40 ވަރަކަށް އަހަރުގެ މީހެއް ކަމަށާއި އޭނާ ހައްޔަރުކުރި އިރު ވެސް އަތުގައި ބަޑި އޮތް ކަމަށެވެ.

އަބޭ 2006-2007 އަށް އަދި 2012-2020 އަށް ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައި ވާއިރު އޭނާ އަކީ އެ ގައުމުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!