ކޮރެއާގެ މަތިންދާބޯޓެއް 181 މީހުންނާ އެކު ވެއްޓި ގޮވައިފި
ދެންމެ | 29 ޑިސެމްބަރ 2024

ދެކުނު ކޮރެއާގެ މަތިންދާބޯޓެއް 181 މީހުންނާ އެކު އެ ގައުމުގެ މުއާން އެއާޕޯޓަށް ވެއްޓި 29 މީހަކު މަރުވެއްޖެ އެވެ.

”175 ފަސިންޖަރުންނާއި ހަ ކްރޫ މެންބަރުން ތިބި ބޯޓެއް މުއާން އެއާޕޯޓަށް ވެއްޓިއްޖެ،“ ޔޮންހަޕް ނިއުސް އެޖެންސީން ބުންޏެވެ.

ދެކުނު ކޮރެއާގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި 29 މީހަކު މަރުވެފައިވާކަން މިހާތަނަށް ވަނީ ޔަގީންވެފަ އެވެ.

”މި ހާދިސާގައި މިހާތަނަށް 29 މީހުން މަރުވެފައިވާކަން ކަށަވަރުކުރެވިއްޖެ،“ ލޯކަލް ފަޔާ ޑިޕާޓްމަންޓުގެ ރެސްޕޮންސް ޓީމުގެ އޮފިސަރެއް ކަމަށްވާ ލީ ހިޔޯން-ޖީ އޭއެފްޕީއަށް ވިދާޅުވި އެވެ.

”ސީރިއަސް ޒަހަމްތައް ހުރި މީހުން ވަރަށް ގިނަ. އެހެންވެ، މަރުވި މީހުންގެ އަދަދު މައްޗަށް ދިއުން އެކަށީގެންވޭ.“

”ޖެޖޫ އެއާ“ ގެ މި ބޯޓު އެކްސިޑެންޓުވީ ތައިލެންޑުން އައިސް ޖައްސަން އުޅުމުގެ ތެރޭގަ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ޔޮންހަޕް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުނީ އެ ގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ އެއާޕޯޓަށް މަތިންދާބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ދޫނި ބައިގަނޑެއްގައި ޖެހި ލޭންޑިން ގިޔަރުގައި މައްސަލަ ޖެހިގެން ކަމަށް ބެލެވެ އެވެ.

މިހާތަނަށް އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓި ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އަލިފާން ރޯވެ ގަދަޔަށް ދުން އަރަމުންދެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ރަންވޭއަށް ބޯޓު ޖެއްސުމަށް ފަހު ކޮންޓްރޯލް ނުވެ ގޮސް ފެންސެއްގައި ޖެހުމާ އެކު ބޯޓު ގޮވައި ހުޅުގަނޑު ފަޅައިގެން ދަނީ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!