އެމެރިކާގެ ވޮސިންޓަން ޕޯސްޓުން ހާމަ ކުރި ބަގާވާތް ތަހްގީގް ކުރުމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒު މުހްސިން ގޮވާލައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވެވީ ފޭސްބުކަށް ކުރެއްވި ޕޯސްޓެއްގަ އެވެ.
މުހްތާޒު ވިދާޅުވީ އެމެރިކާގެ ޒިންމާދާރު ނޫސް އެޖެންސީއަކުން މިފަދަ މައްސަލައެއް ދުނިޔެއަށް ފެންމަތި ކުރުމުން އެކަން ތަހްގީގް ކުރުމަކީ ދައުލަތުގެ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.
ދިވެހިން އިންތިހާބުކޮށްފައިވާ ގާނޫނީ ސަރުކާރު ރިޝްވަތުގެ ހުތުރު ފައިސާ ބަހައި ބަގާވާތަކުން ވައްޓާލުމަށް ރާވައި, އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ދިވެހިންގެ ތެރެއިން ބަޔަކު މުގުުލުގައި ތިބެ ކޮށްފައިވާ ކަމަށް ދުނިޔޭގެ އިތުބާރުހުރި ނޫސް އެޖެންސީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގެ ތަހްގީގީ ނޫސްވެރިކަމެއްގެ ތެރެއިން ދުނިޔެއަށް އާންމުކޮށްފައިވާތީ އާއި އެ އެޖެންސީގައި މިކަމުގެ ހެއްކާ ގަރީނާ އެކު ބަގާވާތް ރޭވުމުގެ ފޯނު ރިކޯޑިންގ ހުރި ކަމަށް އެ އެޖެންސީން ހާމަކޮށްފައިވާތީ, ދިވެހި ދައުލަތުން މި ހައްސާސް މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮވާލަމެވެ.“ މުހްތާޒުގެ ޕޯސްޓްގައި ވެއެވެ.
ވޮޝިންގްޓަން ޕޯސްޓުގެ ތަހުގީގަށް ފަހު ބުނީ، އެ ޕްލޭންގައި ”ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް“ ނަމުގައި ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި އޮތީ، ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ކަމަށެވެ.
އެ ކަރުދާހުގެ ކޮޕީއެއް ވޮޝިންގްޓަން ޕޯސްޓަށް ލިބިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މަޖިލީހުގެ މެމްބަރުންގެ އިތުރުން، ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމުގެ އެހީތެރިވުމަށް، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ 10 އިސް އޮފިސަރުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދޭން ވެސް އެ ކަރުދާހުގައި ހިމަނާފައިވާ ކަމަށް ވެ އެވެ.