މިދިޔަ އަހަރު ނިންމަން ޖެހުނީ އުނދަގޫ ނިންމުންތަކެއް ކަމަށާއި، އެ ނިންމުންތަކުގެ ފޮނި މީރުކަން އިސާހިތަކު ފެންނަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާ އަހަރަށް މަރުހަބާ ކިޔައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިދިޔަ އަހަރަކީ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު، ގޮންޖެހުން ބޮޑު އަހަރެއް ކަމަށާއި އެކަމަކު މިއިން ކޮންމެ ދަތި ނިންމުމެއް ވެސް ނިންމީ ރައްޔިތުންގެ ހައްގުގައި، މުޅި ރާއްޖޭގެ ފައިދާއަށް ޓަކައި ކަމަށެވެ.
”ކުރު މުއްދަތުގައި ކުދިކުދި ދަތިތަކެއް ކުރިމަތިވި ނަމަވެސް ދިގު މުއްދަތުގައި އެންމެންނަށް ފައިދާ ކުރާނެ. އިރާދަކުރެއްވިއްޔާ މި ނިންމުންތަކުގެ ފޮނި މީރުކަން އިސާހިތަކު ފެންނަން ފަށާނެ. ތިޔަ އެންމެހާ ރައްޔިތުންނަށް މިކަންކަމުގެ ލާބައާއި މަންފާ ލިބެން ފަށާނެ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ފެށުނު އަހަރަކީ މިދިޔަ އަހަރަށް ވުރެ ނިޔާމަ އަހަރަކަށް ވުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށެވެ. އަދި ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުވެ، އިގްތިސާދީ ގޮތުން ވަރުގަދަ، އަދި މިހާރަށް ވުރެ ބަދަހި މުޖުތަމައެއް ގާއިމުވާނެ އަހަރަކަށް ވުމަކީ ވެސް އުއްމީދު ކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އެކުވެރިކަމާއި އާއިލީ ގުޅުންތައް ވަރުގަދަވެ، އެކަކު އަނެކާއަށް ހެޔޮ އަމަލުކުރުމަށް ބާރުއަޅާ އަޚުލާގެއް ދިވެހީންގެ ތެރޭގައި އާލާވުމަށް ވެސް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.