ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމައިގެ ކަންތައް ހައްލުކުރުމަށް 50 ދުވަހުގެ މުއްދަތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިނުމާއި ގުޅިގެން ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ދިމިޓްރީ މެދްވެދެވް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާއަށް ދީފައިވާ އަލްޓިމޭޓަމްއަށް ރައްދުދީ، ރަޝިޔާއަކީ އިޒްރޭލް އަދި އީރާނެއްވެސް ނޫންކަމަށް ވިދާޅުވެ އެއީ ރަޝިޔާ އާއި އެމްރިކާ އާއި ދެމެދުގައި ހަނގުރާމަ އެއް އިޢުލާން ކުރުމަށް ދިން ދަޢުވަތެއްކަމަށް ސިފަކޮށްފައިވެއެވެ.
މެދްވެދެވް ވަނީ ކޮންމެ އައު އަލްޓިމޭޓަމްއަކީ ބިރުދެއްކުމެއް އަދި ހަނގުރާމައަކާ ދިމާއަށް އެޅޭ ފިޔަވަޅެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް އެފިޔަވަޅަކީ ރަޝިޔާ އަދި ޔުކްރެއިންގެ ދެމެދުގައި އެޅޭ ފިޔަވަޅެއް ނޫންކަމަށާއި، އެއީ ޓްރަންޕުގެ އަމިއްލަ ގައުމާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ދެވޭ ދަޢުވަތެއްކަމަށް ބުނެފައިވެއެވެ.
މިފަހަކުން، ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިންއާ މެދު އޮތް ގުޅުން ގޯސްވެ ބަހުގެ ހަމަލާތަކެއް އަންނަނީ ދެމުންނެވެ. މިއާއެކު، ނޭޓޯ މެދުވެރިކޮށް ޔުކްރެއިންއަށް ޕެޓްރިއަޓް މިސައިލް ސިސްޓަމްތައް ހިމެނޭ ގޮތަށް އިތުރު ހަތިޔާރު ފޯރުކޮށްދޭނެކަމަށް އިއުލާންކުރުމާއި ގުޅިގެން ނާއި 50 ދުވަހުގެ ތެރޭގައި ސުލްހަވެރި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ރަޝިޔާއިން އެކްސްޕޯޓް ގަންނަ ފަރާތްތަކަށް ހަރުކަށި ޓެރިފްތަކެއް ކުރިމަތިވެދާނެކަމަށް ބުން ޓްރަންޕު ވަނީ ބިރުދައްކާފަ އެވެ.
ޓްރަމްޕްގެ މި ނިންމުމަކީ އޭނާގެ ގޮތްނޭންގޭ އާދަޔާ އެއްގޮތް ނިންމުމެކެވެ. ޔުކްރެއިންގެ ހަނގުރާމައިގެ ކަންތައް ހައްލުކުރުމަށް 50 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މިހާރު އެ މުއްދަތު 10-12 ދުވަހަށް ކުރުކޮށްފައިވެއެވެ.
މީގެ ސަބަބުން އެމެރިކާއަށްވެސް ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ޗައިނާއާއެކު އޮތް ”ނާޒުކު“ ވިޔަފާރީގެ އެއްބަސްވުން އިތުރަށް ގޯސްވެ، އެމެރިކާގައި ތެލުގެ އަގު މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން މެދްވެދެވް ފާހަގަކުރި ފަދައިން އައު ހަނގުރާމައެއްގެ ހުޅު ފަޅައިގެން ގޮސްދާނެ ކަމުގެ ނުރައްކާވެސް އެބައޮތެވެ.



