ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ލޯކަލް ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ދަތުރުފުޅު ފެއްޓެވީ ނަތީޖާ ނެރެދެއްވުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ރ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވާދު އަށް ވަޑައިގެން އެ މަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ރަށަށް ކުރެއްވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ މިނިސްޓަރުންނާ އެކު، އެ މަނިކުފާނު ރަށްރަށަށް ދަތުރުފުޅު ކުރެއްވުމުގެ ބޭނުމަކީ އެ ދާއިރާއަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރުންނާ ހިއްސާ ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވަން ކަމަށެވެ.
މިއީ ނަތީޖާ ނެރެދެއްވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު މި ދަތުރުތައް މި ކުރަނީ ކަންކަން ކޮށްދިނުމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. ކަމާ ގުޅޭ ވުޒާރާތަކުގެ ވަޒީރުން އަޅުގަނޑާ އެކު ވަޑައިގެން އެ ކަންކަމުގައި ތިބޭފުޅުން ބޭނުންވާ ގޮތްގޮތް އޮޅުންފިލުވައި އެ ކަންކަން ކުރެވޭނެ ގޮތް ރައްޔިތުންނަށް ކިޔައިދީ ނަތީޖާ ނެރެދިނުމުގެ ބޭނުމުގައި،“ ވާދޫގައި ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ދަތުރުފުޅު ފެއްޓެވީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ކައުންސިލާ ރައީސް މުއިއްޒު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ވާދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ އެއީ ތަރައްގީގެ ވިސްނުމުގައި އަމިއްލަ އަށް އިސްނަގައިގެން މަސައްކަތްކުރާ ރަށެއް ކަމަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އެކަމުގައި ސަރުކާރުގެ އެއްބާރުލުން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ވާދޫ ކައުންސިލާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، ރައީސް ވިދާޅުވީ ގޯތީގެ މައްސަލައަކީ އެ ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަން ހައްލު ކޮށްދެއްވުމަށް ވެސް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގޯތީގެ ކަންކަން ލަސްވެފައި ވަނީ ރަށުގެ ކުނި ގޮނޑު އޮތް ސަރަހައްދުގެ ގޮތުންނެވެ. އެހެންވެ، ކުނީގެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ގެނެސް ދެއްވަމުން، ގޯތި ދޫކުރުމުގެ ކަންކަން ވަރަށް އަވަހަށް ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެމްޓީސީސީ އަށް ބޮޑު ހިލަ ލިބުމުގައި ހުރި ގޮންޖެހުންތަކާ އެކު، ވާދޫގެ ގިރާ ސަރަހަައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އޮތީ ލަސްވެފަ އެވެ. އެކަމަކު މަޝްރޫއުތައް އަވަސްކުރަން ބަލްކުކޮށް ބޮޑުހިލަ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
”އެމްޓީސީސީއަ ށް ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ބޮޑު ހިލަ ސަޕްލައި ކޮށްދިނުމުގައި ދިމާވެފައިވާ ދަތިތަކާ ހެދި މަޝްރޫއުތައް މަޑުޖެހިފައި. މިހާރު ވާނީ ފިނޭންސް މިނިސްޓްރީ އާއި އެމްޓީސީސީ އާއި އެސްޓީއޯއާ އެކު ވެސް މަސައްކަތްތަކެއް ފެށިފައި،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ވާދޫގެ ގިރާ ސަރަހައްދު ހައްލު ކޮށްދިނުމުގެ އިތުރުން އެ ރަށުގެ ބަނދަރު މަޝްރޫއު އާއި ސްކޫލަށް ބޭނުންވާ ތަރައްގީ ވެސް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ރަސްމިއްޔާތުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމެއް ބެހެއްޓުމަށް ވާދޫގައި ކައުންސިލާއި ބީއެމްއެލާ ދެމެދު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.