ކޯލިޝަން އޮތީ ނަމެއްގައި، ފޮޅާ ނުލާ އޮތީ ހަމަ ކިރިޔާ: ގާސިމް
ދެންމެ | 13 ސެޕްޓެމްބަރ 2022
ގިނަ ސިޔާސީ ޕާޓީތައް އެކުވެގެން އުފައްދާފައިވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކޯލިޝަންގައި ހެދި އެއްބަސްވުމުގެ 90 އިންސައްތަ ކަންކަން ފުރިހަމަ ނުވާކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މާޔޫސްވެވަޑައިގެންފި އެވެ.

2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް ޞާލިހު ވަނީ ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްއާރުއެމްގެ ޒައީމު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއިއެކު ކޯލިޝަނެއް ހައްދަވައިފަ އެވެ. އެ ކޯލިޝަންގެ ތެރެއިން ރައީސް ޞާލިހު އިންތިހާބުވެއްޖެނަމަ ސަރުކާރު އެކުލަވައިލާނެ ގޮތާއިމެދު ހުރިހާ ލީޑަރުންގެ މެދުގައި އެއްބަސްވުމެއްވެސް އޭރު ހެދި އެވެ.

އެހެންނަމަވެސް އިންތިހާބުގެ މަދު ދުވަސްކޮޅެއް ފަހުން އެއްބަސްވުމާއި އެއްގޮތަށް ބައެއް ކަންކަން ގެންދިއުމަށް އެމްޑީޕީން ދެކޮޅު ހެދި އެވެ. އެހެންވެ ޖެހިގެން އައި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ދާއިރާތަކަށް ވާދަކުރީ ކޯލިޝަން އެއްބަސްވުމާއި ހިލާފަށެވެ.

މިކަމާއިމެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ގާސިމް ވިދާޅުވީ އެއީ އަބަދުވެސް ސަރުކާރުތަކުން ކަން ކުރަމުންދާ ގޮތް ކަމަށެވެ. އަދި އެއްވެސް ބަޔަކަށް ކޯލިޝަނަކާއި ނުލައި ވެރިކަމަށް ނާދެވޭކަން ކޮންމެ މީހަކުވެސް ގަބޫލު ކުރާކަމަށާއި އެހެންނަމަވެސް ވެރިކަން ލިބުމާއިއެކު ވައުދާއި އަހުދުތައް އިހްތިރާމް ނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

”ސަރުކާރަކުން އަދި ނުއެއް ބުނޭ، އެމްޑީޕީއަކުންނެއް ވެސް ރަސްމީ ސިފައެއްގައި ކޯލިޝަނެއް ނެތެކޭ ނުބުނޭ. އެކަމަކު ހަގީގަތަކީ އެއްބަސްވެފައި އޮތް އެއްބަސްވުމާ ގާތަކަށް 90 ޕަސެންޓް ވެސް އޮތީ ފުލް ފިލް ނުވެއޭ.“ ގާސިމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!