ތަޢުރީފުކުރުމަށް ލޯބިކުރުމާއި އިޚްލާޞްތެރިކަން އެއް ހިތެއްގައި ޖަމަޢެއް ނުވާނެއެވެ!: އިބްނުލް ޤައްޔިމް ރަޙިމަހުﷲ-
ބައެއް މީހުން މިބަސްފުޅު ދެމަފިރިންނަށް ތިލަކުރެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ދެމަފިރިންގެ މެދުގައި އިޚްލާޞްްތެރިކަން އޮންނަ މިންވަރު ބޮޑުވާވަރަކަށް އަނެކާއަށް ތަޢްރީފްގެ ބަސްތައް ބުނުން ގިނަކުރާނެއެވެ. އަދި އެއީ ހިތުގައި އެކުއެކުގައި ގެންގުޅެ ޢަމަލުކުރަންޖެހޭ ދެ ކަމެވެ.
ޝައިޚުގެ ބަސްފުޅު އަމާޒުކުރައްވަވާފައި އެވަނީ މީހުންނަށް ތަޢްރީފްކުރުމުގެ ތެރެއިން ޙައްޤު ނޫން ތަޢްރީފް ކުރުމަށާއި ޚުޝާމަދުކުރުމަށެވެ. އެއީ މަކަރުކުވެރިން ކުރާ ކަމެކެވެ.
ދެވަނަ ބައަކީ ތިމާ އަނެކާއަށް ނުރުހުނު ކަމުގައިވީނަމަވެސް އަނެކާގެ ރުހުން ހޯދުމަށްޓަކައި، ނުވަތަ އަނެކާގެ ކިބައިން ފައިދާއެއް ހޯދަން ބޭނުންވުމުން އެމީހަކަށް ތަޢްރީފްކުރރުމެވެ. ޚުޝާމަދު ކުރުމެވެ. މިއީ ހެދޭ ބޮޑު މަކަރެކެވެ. ކުރެވޭ ބޮޑު ފާފައެކެވެ. ވީމާ އެގޮތަށް އެކަންކޮށްގެން ހޯދާތަކެތި ނުވަތަ ކަންކަން އެމީހަކަށް ޙަލާލެއްވެސް ނުވާނެއެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން