ޕްލޭނެއް ނެތި ވަޢުދުތަކެއް ވެވަޑައިގަންނަވަމުންދާކަމަށް ކުރާ ތުހުމަތުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްދުދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވަޢުދަކީ، އެކަމެއް ފުއްދާނެގޮތުގެ ޕްލޭން ކުރެވި، ކުރިއަށްދާނެގޮތް ދެނެގަނެގެން ވެވަޑައިގަންނަވާ ވަޢުދުތަކެއްކަމަށާއި، އެކަންކަން ފުރިހަމަކުރާނެ ތަރުތީބު ސަރުކާރުގައި އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.
މުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެރަށުގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާކަން ފާހަގަކުރައްވައި މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންގެ ހާލަތު ދެނެގަނެ، ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެގޮތް ރައްޔިތުންނަށް ހާމަކޮށްދެއްވުންކަމަށް ވިދާޅުވިއެވެ. ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންގެންދަވާތީ، ބައެއް ފަރާތްތަކުން އެއީ ޕްލޭނެއް ނެތި ވާ ވަޢުދެއްކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާ ކަމެއްވެސް ތަރުތީބުކުރެވިފައިވާކަމަށެވެ. މިދިޔަ އަހަރު މަޝްރޫޢުތައް ކުރިއަށް ނުގެންދެވުނީ އިޤްތިޞާދީ ކަންކަމަށް އިސްކަންދިނުމާއި ބަޖެޓުގެ ތާށިކަން އޮތުމުންކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ ކަންކަން ކުރެވޭނެގޮތް މަޝްވަރާކުރައްވައި، ކުރެވޭނެ ގޮތް ކަނޑައަޅުއްވައިގެން އަދި ތަފްސީލުކޮށް ކުރެވޭނެ ގޮތް ހަމަޖެހިގެން ދައްކަވާ ވާހަކަފުޅުތަކެއްކަމަށެވެ.
ރައީސް ވިދާޅުވީ ވަރަށް ގިނަ މަޝްރޫޢުތައް ރަށްރަށުގައި ފެށި ހުއްޓިފައިވާކަމަށާއި މަޝްރޫޢުތައް ހުއްޓިފައި ހުރީ ފައިސާ ނުލިބުންފަދަ ކަންކަމުގައިކަަމަށާއި، އެ ދަތިތައް ހައްލުވެ މިހާރު ކުރިއަށްދާނެ މަގުތައް ހޯދާފައިވާކަމަށެވެ.
”ދެން ފެނިގެންދާނީ އަޅުގަނޑުމެން ފާސްކުރި ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ފަށައިގަންނަތަން. ހުއްޓިފައިވާ މަޝްރޫޢުތަކާ އަލަށް ފަށާ މަޝްރޫޢުތައް ހިނގައިގަންނަތަން. މިއަހަރާ އަންނަ އަހަރު ފެންނާނީ މި ދެބާވަތުގެ މަޝްރޫޢުތައް ކުރިއަށްދާތަން. އަޅުގަނޑު ރައްޔިތުންނާ ސަލާމްކުރާއިރު ހުށައަޅަނީ މިފަދަ ކަންކަން ކުރުމަށް އެދިފައި. ރައްޔިތުންގެ އަޑު އެހީމަ އެނގޭ އެކަންކަމުގައި ހުރި ހައްސާސްކަން، މުހިންމުކަން“. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެންމެ އެދޭކަންކަމަށް އިސްކަންދެއްވައިގެން ކަންކަންކުރާއިރު މެދުރާސްތާއާއި ދުރުރާސްތާގެ ޕްލޭނާއެކު ކުރިއަށްދާކަމަށާއި، ކޮންމެ ކަމެއްވެސް ކުރައްވަނީ ޕްލޭނަކާއެކުކަަމަށެވެ.