މިދިޔަ ބުރާސްފަތި ދުވަހަކީ ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ބޮޑު އަދަދަކަށް ފައިސާ ދޫކުރި ދުވަސްކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.ސަރުކާރުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދާ އެއްގޮތަށް މަސްވެރިންނަށް 24 ގަޑިއިރު ތެރޭ ފައިސާ ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ މަސްވެރީންގެ ދުވަހު އެވެ. މިއާއެކު މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.މިފްކޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަސްވެރިން ކިރުވި މަހަށް މިފްކޯއިން ވަނީ 6.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި މިއީ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް އެންމެ ގިނައިން ފައިސާ ދޫކުރި ދުވަސް ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ.ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯއަށްވެސް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ.މިފްކޯއަކީ 1993 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ.