ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންތަކުން އެމްޑީޕީއަށް ލަދުވެތި ނަތީޖާއެއް ލިބިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 33 ގޮނޑީގެ ތެރެއިން އެންމެ 2 ގޮނޑިއެވެ.
މިއަދު ވޯޓުލުން ކުރިއަށް ގެންދެވުނީ ހުސްވެފައިވާ 33 ގޮނޑީގެ ތެރެއިން 12 ގޮނޑީގެއެވެ. ބާކީ 21 ގޮނޑިއަށް މެންބަރުން އިންތިޚާބުވީ އިންތިޚާބަކާ ނުލައެވެ. އިންތިޚާބު ނުލައި އިންތިޚާބުވީ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ.
އީސީން ހާމަކުރި ވަގުތީ ނަތީޖާތައް ދައްކާގޮތުން މިއަދު ބޭއްވި އިންތިޚާބުތަކުން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީިން 8 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ އެންމެ 2 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް 2 ގޮނޑި ވަނީ ލިބިފައެވެ،
ޕީއެންސީން ކާމިޔާބުކުރި ގޮނޑިތައް:
ނ. ލަންދޫ ކައުންސިލް މެމްބަރުގެ ގޮނޑި
ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި
ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި
ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި
ތ. ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި
ބ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި
ރ. އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި
ނ. ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުގެ ގޮނޑި
އދ.ހަންޏާމީދުއާއި ނ.މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު ހދ.މަކުނުދޫ ކައުންސިލްގެ ގޮނޑިއާއި ދ.ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިވަނީ އަމިއްލަ ގޮތުން ވާދަކުރި މީހުންނެވެ.
މިފަހަރުގެ ބައި-އިލެކްޝަން އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 11325 މީހުންނަށް ލިބިފައިވާއިރު ވޯޓްލީ 6275 މީހުންނެވެ. އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ވޯޓްލާން ނިކުތް މީހުންގެ އަދަދު އެހެން ފަހަރުތަކަށްވުރެން ރަނގަޅު ކަމަށެވެ.
ބައި އިލެކްޝަންގައި 12 ދާއިރާތަކަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު މީގެ ތެރޭގައި ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން ހިމެނެއެވެ.
މިއަދު މި ނިމިގެންދިޔަ ބައި އިލެކްޝަންތަކުގެ ނަތީޖާއިން އެނގިގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ތިބީ ސަރުކާރާއި އެކުގައި ކަމެވެ. އަދި އިދިކޮޅު އެމްޑީޕީން ބާއްވާ އިދިކޮޅު ހަރަކާތްތަކަކީ ރައްޔިތުންގެ ވިންދާއި އެއްގޮތް ހަރަކާތްތަކެއް ނޫންކަމެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާކަމެވެ.