ރަނގަޅަށް ދިރާސާކުރާށެވެ! އެމީހުންގެ ޒަވާޖީ ޙަޔާތަށް ކޮންމެވެސް ބައަކު ޙަސަދަވެރިވެގެން އުޅޭ ކަމަށެވެ. އެއިގެ ތެރޭގައި އެންމެ ގާތް އެކުވެރިންނާއި އަދި އަމިއްލަ ޢާއިލާގެ ބައެއް މީހުންވެސް ހިމެނޭ ކަމަށެވެ. އެހެންވެ ތިބެންޖެހެނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ.
ބުނަންހެއްޔެވެ؟ ކަންބޮޑުވާންޖެހޭނީ ދެމަފިރިންގެ ގުޅުމަށް ޙަސަދަވެރިވާ ބައަކު ތިބީތީއެއް ނޫނެވެ. އެފަދަ ބައަކު ނެތްނަމައެވެ. ދެމަފިރިން ވަފާތެރިކަމާއިއެކު ލޯބިން އެކުގައި ދިރިއުޅޭނަމަ ޙަސަދަވެރިވާނެ ކޮންމެވެސް ބައަކު އަބަދުވެސް ތިބޭނެއެވެ. ވީމާ އެއީ ކިތަންމެ ވަރަކަށް ކަންބޮޑުވިނަމަވެސް ޙައްލުކުރެވެން އޮތް މައްސަލައެއް ނޫނެވެ.
އެއިގެ ބަދަލުގައި ދެމަފިރިންގެ މެދުގައި އަބަދު މައްސަލަ ޖެހި ކޯޅުންތަކުގެ ތެރޭގައި އުޅޭނަމަ ޙަސަދަވެރިން ވަރަށް މަދުވާނެއެވެ. އެއީ ދެމަފިރިންކުރެ މީހަކު ޖަހައިގަތަސް ކުރާނެ ފައިދާއެއް ނުއޮންނާނެތީއެވެ.
ލޮބުވެތި އެކުވެރިންނޭވެ! އެހެން މީހުން ޙަސަދަވެރިވާތީ ކަންބޮޑުނުވާށެވެ! އެމީހުންގެ ޙަސަދަވެރިކަމުން ގެންލުން ނުލިބޭނެ ގޮތަށް ތިބެގެން ދިރިއުޅޭށެވެ. ޒަމާނުގެ ބަހުރުވައިންނަމަ ބޮޑީވެސްޓް އަޅައި ހަށިގަނޑަށް އެއްވެސް ޙަމަލާއެއް ނުއަރާނެ ގޮތަށް ތިބެގެން ދިރިއުޅޭށެވެ.
އެކަމަށް އޮތް މަގުވެސް ބުނެދޭނަމެވެ. ދެމަފިރިން އެކުގައި ރޭއަޅުކަންކުރާށެވެ! ކިޔަންދެހޭ ދެއިރުގެ ޛިކުރުތައް ކިޔަމުން ގެންދާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބޭނެ ގޮތަށް ޢަމަލުތައް ބަހައްޓައިގެން އުޅޭށެވެ. އެއިގެ ތެރޭގައި އެކަކުވެސް ބޭވަފާތެރިނުވުމާއި ބައިވެރިޔާ ނުރުހޭނެ އެއްވެސް ކަމެއް ނުކުރުންވެސް ހިމެނެއެވެ. ތިމާއަށް އެންމެ މުހިންމު މީހަކީ ބައިވެރިޔާ ކަމަށް ހަދައިގެން އެންމެ ގާތް މިތުރުންގެ ގޮތުގައި އުޅޭށެވެ! އިން ޝާ ﷲ އެއިރުން ޙަސަދަވެރިންގެ ހުރިހާ ޙަމަލާތަކުންވެސް ސަލާމަތްކަން ދެއްވަވާނެތެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން