ކަރުދާހުގެ ސެޓްފިކެޓަށް ކިޔެވުން!
ދެންމެ | 13 ފެބްރުއަރީ 2025

މިއަދުގެ ތަޢުލީމީ ދާއިރާއަށް ބަލައިލާއިރު، އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ކަންބޮޑުވާންޖެހޭ މަންޒަރެކެވެ. ހާއްސަކޮށް މަތީ ތަޢުލީމުގެ ދާއިރާގައެވެ. ގިނަ ކިޔަވާ ކުދިންގެ އަމާޒަކަށްވެފައިވަނީ ހަމައެކަނި ސެޓުފިކެޓު ހޯދުމެވެ. އަދި ގިނަ މުދައްރިސުންނާއި ކޮލެޖު ޔުނިވާސިޓީތަކުގެ މަޤްޞަދަކަށްވެފައިވަނީ ފައިސާ ހޯދުމެވެ. ޤަބޫލުކުރަން ދަތި ނަމަވެސް މިއީ ހިތި ހަގީގަތެކެވެ. މިއީ މިވާހަކަ މިގޮތަށް ދެއްކުމުން އެކަމާ އިންކާރުކޮށް، ރައްދު ދެވޭނެފަދަ ވާހަކައެކެވެ. ނަމަވެސް މިއީ މިކަމުގައި ކަންހިނގާ މަގެކެވެ.

ކިޔެވުމުގެ މައިގަނޑު މަޤްޞަދަކީ ހިލްމާއި ޢިލްމު ހޯދުމެވެ. ނަމަވެސް، މިއަދު ގިނަ ދަރިވަރުން ކިޔަވަނީ ހަމައެކަނި ސެޓުފިކެޓު ހޯދުމަށްޓަކައެވެ. އެކުދިންގެ ވިސްނުމުގައި ވަނީ ސެޓުފިކެޓު ލިބުމުން ރަނގަޅު ވަޒީފާއެއް ލިބޭނެ ކަމަށެވެ. މުސާރައިގެ ކުރިއެރުމެއް ހޯދުމެވެ. މިކަމުގެ ސަބަބުން، އެކުދިން ޙަޤީގަތުގައި އިލްމު ހޯދުމަށް މަސައްކަތް ނުކޮށް، ހަމައެކަނި އިމްތިޙާނު ފާސްވުމަށް ބޭނުންވާ މިންވަރަށް ކިޔަވައެވެ. ނުވަތަ ކޮންމެވެސް މީހަކު ލައްވާ އެސައިމެންޓު ހަދާ ހުށަހަޅައެވެ. މިއީ ހަޤީގަތުގައި ވަރަށް ހިތާމަހުރި ކަމެކެވެ.

މަތީ ތަޢުލީމުގައި މުދައްރިސުންގެ ޙާލަތަށް ބަލާއިރު، އެމީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ކިޔަވައިދެނީ ހަމައެކަނި ފައިސާ ހޯދުމަށްޓަކައެވެ. އިޚްލާޞްތެރިކަމާއެކު ދަރިވަރުންނަށް އިލްމު ފޯރުކޮށްދިނުމުގެ ވިސްނުން ގެއްލި، އެމީހުންގެ އަމާޒަކަށްވެފައިވަނީ އިތުރު އާމްދަނީ ހޯދުމެވެ. އެއްތަނުގައި ވަޒީފާ އަދާކުރަމުން އަނެއްތަނެއްގައިވެސް އުޅެމުން، ކޮލެޖު ޔުނިވާސިޓީތަކަށް ކިޔަވައިދޭން އަންނަ މީހުން މަދެއް ނޫނެވެ. މިކަމުގެ ސަބަބުން، ކިޔަވައިދިނުމުގެ ފެންވަރު ދަށްވެ، ދަރިވަރުންނަށް ލިބެންޖެހޭ ތަޢުލީމު އެކަށީގެންވާ ގޮތެއްގައި ނުލިބެއެވެ.

ކޮލެޖު ޔުނިވާސިޓީތަކަށް ބަލާއިރު، ބޮޑު އަގުގައި ކޯސް ފީ ނަގާ ތަންތަން މަދެއް ނޫނެވެ. އެ ނެގޭ ބޮޑު ފީ އާއި އެއްވަރަށް ކޮލެޖު ޔުނިވާސިޓީތަކުން މަސައްކަތްކޮށްނުދޭ ވާހަކަ އަކީ އާއްމު ވާހަކަ އެކެވެ. މުއްދަތުތައް ހަމަވާއިރުވެސް ކޮލެޖުތަކުން ކުދިންނަށް ވާން ޖެހޭ އިޝާރާތްތައް ނުވުމާއި، ސިޓީ ތަކަށް ޖަވާބު ނުދިނުމާއި، ކަންކަން އޮޅުންފިލުވުމަށް އެތައް ގޮންޖެހުމެއް ހުރުންފަދަ ކަންކަން ފާހަގަ ކުރެވެއެވެ. އަދި އެ ނެގޭ ބޮޑު ފީ އާއި އެއްވަރަށް ކިޔަވައިދިނުމުގެ ފެންވަރު ނުހިފެހެއްޓޭ ކަމީވެސް ފާހަގަކުރެވޭ ކަންކަމެވެ. މަދު މުވައްޒަފުންނާއި އެކު، ބޮޑު ފީ ނަގައިގެން ނަގައިގެން، އެދެވޭ ތަޢުލީމަކާއި އިދާރީ ހިދުމަތެއް ނުދެވޭ ކަމީ، އެކަންކަން ކުރަނީ ފައިސާ އަށޭ ބުނެވޭ އެއް ސަބަބެވެ.

އެހެންކަމުން މި މައްސަލަތަކަށް ޙައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަ ކަމަކަށް، ދަރިވަރުންގެ މެދުގައި ޙަޤީޤީ އިލްމުގެ މުހިންމުކަން އަށަގެންނެވުމަށް މަސައްކަތްކުރަންޖެހެއެވެ. ހަމައެކަނި ސެޓުފިކެޓަކުން ނުފުދޭނެ ކަމާއި، ކުރިއަށްދެވޭނީ އިލްމާއި ހުނަރުންކަން ވިސްނައިދޭންޖެހެއެވެ. އަދި މި ދުނިޔޭގައި ކަން ހިނގާ މަގަކީވެސް އެއީ ކަމުގައި ހަދަން ޖެހެއެވެ. ގަޑުބަޑުވެފައިވާ މި ނިޒާމު ހަރުދަނާ ކުރަން އެބަ ޖެހެއެވެ.

މުދައްރިސުންނަށްވެސް ވިސްނައިދޭންވީން ކިޔަވައިދިނުމަކީ މުސާރައަށް ކުރާ ކަމަކަށް ނުހެދުމެވެ. މިއީ ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ހޯދަން ކުރާ ކަމެއް ކަމެވެ. އަދި އެއްޗެއް ނުއެނގޭ ބަޔަކަށް އެއްޗެއް އޮޅުންފިލުވައިދީ ބުނެދިނުމަކީ ހަޤީގީ މަގުސަދެވެ. ހިތްހަމަ ޖެހުމަކީ ޖަމާވާ މުސާރަ ނޫން ކަމާއި، ހިތްހަމަ ޖެހުމަކީ ތިމާއަށް ލިބި ހުރި ޢިލްމަކުން އަނެކާ ޒީނަތްތެރިކޮށްދިނުންކަން މުދައްރިސުން ގަބޫލު ކުރަން ޖެހެއެވެ. މަންހަޖު ނުވަތަ ސިލަބަސް ފުރިހަމަ ކުރުމުގެ ބަދަލުގައި، ރަނގަޅު މަންފާހުރި ޢިލްމެއް ފޯރުކޮށްދެވޭތޯ އުޅުމަކީވެސް މުހިއްމު ކަމެކެވެ. އިމްތިހާނަށް ކުދިން ތައްޔާރު ކުރުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ދިރިއުޅުމާއި އަމަލީ މައިދާނަށް ކުދިން ތައްޔާރުކޮށް ފައްކާކުރުމީ މަތީ ތަޢުލީމުގެ އަސާސްކަން މުދައްރިސުން ގަބޫލުކުރަން ޖެހެއެވެ.

ކޮލެޖު ޔުނިވާސިޓީތަކުންވެސް ތަޢުލީމުން ވިޔަފާރިކޮށް، ބޮޑު މާލި މަންފާއެއް ހޯދުމުގެ ވިސްނުން ދޫކޮށް، މިއީ ދެވޭ ހިދުމަތަކަށް ހަދަން ޖެހެއެވެ. މިއީ ބައެއްގެ މުސްތަޤުބަލަށް ކުރެވޭ ހަރުދަނާ މަސައްކަތަކަށް ހަދަން ޖެހެއެވެ. ވިޔަފާރިކުރުމުގެ ޝައުގުވެރިކަން ހުންނަ ނަމަ، ޢިލްމުގެ ނަން ބޭނުންކޮށް ވިޔަފާރި ކުރުމުގެ ބަދަލުގައި އެހެން މަގެއް އިހްތިޔާރު ކުރާށެވެ.

ތަޢުލީމީ ދާއިރާގެ މި ނުރައްކާތެރި މިސްރާބު ބަދަލުކުރުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ. ސަރުކާރާއި، ސްކޫލްތަކާއި، ކޮލެޖު ޔުނިވާސިޓީތަކާއި މުދައްރިސުންނާއި، ބެލެނިވެރިންނާއި އަދި ދަރިވަރުން ގުޅިގެން މަސައްކަތްކޮށްގެން މެނުވީ މިކަމަށް ޙައްލެއް ނާންނާނެއެވެ. އަޅުގަނޑުމެންގެ ކުރިމަގު ބިނާވެގެންދާނީ ފެންވަރު ރަނގަޅު، މާނަހުރި ތަޢުލީމެއްގެ މައްޗަށް ކަމުގައި ދެކި، އެ ހަޤީގަތް ގަބޫލުކޮށްގެން ނޫންގޮތަކަށް މިއީ ހައްލުވާން ހުރި ކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!