ގިނަ އަދަދެއްގެ މީހުންނަށް ނޭނގި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެއްދި ކަމަށް ބުނާ މައްސަލައިގައި އެ ޕާޓީގެ ދަފްތަރާ ބެހޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު އިތުރުކޮށްފި އެވެ.
ޕީއެންސީން މިއަދު ކުރި އިއުލާނެއްގައިވަނީ އެ ޕާޓީގެ ދަފުތަރާމެދު އާންމުންގެ ޝަކުވާތައް ހުރިކަން ފާހަގަވުމާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި އަހަރުގެ ޖެނުއަރީ 13ގައި އާންމުކޮށް ހުޅުވާލާފައިވާކަން ފާހަގަކޮށްފައެވެ. ޕީއެންސީން ބުނީ ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެ ޕާޓީގެ ދަފުތަރުގެ ސައްހަކަން ކަށަވަރުކުރުމާއި، ދަފުތަރު ބެލެހެއްޓުން، އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
އެ ގޮތުން އީސީން އާންމުކުރި ދަފުތަރާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ޕީއެންސީގެ މައި އިދާރާ، ނުވަތަ ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް އަންނަ އޭޕްރީލް މަހުގެ 13ވަނަ ދުވަހުގެ 15:00ގެ ނިޔަލަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ އާންމުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ.
އަދި ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ބުނެފައިވެ އެވެ.
ޕީއެންސީގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ ”ވަގު ފޯމު“ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލި މުއްދަތުގައި ލިބުނު ޝަކުވާތަކުގެ ބޮޑު އިންސައްތައެއް ޕީއެންސީއަށް ނިސްބަތްވާ ކަމަށް މިއަދު ބުނެފައި ވަނިކޮށެވެ.