އެންޓި ކެމްޕޭން ކުރަންޏާ ފިޔަވަޅު އަޅާނަން: އީސީ
ދެންމެ | 15 އޭޕްރިލް 2024

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އެންޓި ކެމްޕެއިން ކުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައި މިވަނީ އެންޓި ކެމްޕެއިން ކުރާކަމަށް ބުނެ އެ މައްސަލަ އީސީއަށް ހުށައަޅާނެކަމަށް ވެރިކަން ޕީއެންސީން މިދިޔަ ހަފްތާގައ ބުނެފައިވަނިކޮށެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ ފައިސާ ދީގެން ޓްވިޓާ އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި ޕީއެންސީއާ ދެކޮޅަށް ދޮގު ޚަބަރުތައް ނުވަތަ އެންޓި ކެމްޕޭން ކުރަމުން ދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދި ނެރުނު ބަޔާނެެއްގައި ބުނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕެއިން އަމަލުތައް ފެންނަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓުންގެ އިންތިހާބީ ހަައްގަކަށް އިނިކަން ލިބޭގޮތަށް މެސެޖްތައް ދައުރުކުރަމުންދާކަން ފާހަގަކުރެވޭކަމަށްވެސް އީސީން ބުނެއެވެ.

“ ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އިންތިހާބާއި ބެހޭ އާއްމު ގަވައިދުގެ 19 ވަނަ މާއްދާގައި ބަަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން.“ އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެންޓިކެމްޕެއިން ކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އީސީން ބުނިއިރު ސަރުކާރު ޕީއެންސީގެ ޕޯޑިއަމްތަކުގައި އިދިކޮޅު ފަރާތްތަކަށް ބިރުދައްކާ ފިޔަވަޅު އެޅުމަށް އަންނަނީ ގޮވާލަމުންނެވެ. މީގެ ބައެއް ވީޑިއޯތައް އާއްމުވިނަމަވެސް އީސީން ބުނީ މައްސަލަ ހުށައެޅުނުން ބަލާނެކަަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!