ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި، އެ ދެ ކުރިއަށް ވުރެ ވެސް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އެންމެ ހަގު ދަރިކަލުން ވަނީ ރަސްފަންނަށް ޒިޔާރާތްކުރައްވައި، އެ ސަރަހައްދުގައި އުޅުނު އާންމުންގެ މީހުންނާ ބައްދަލުކުރައްވައި ވާހަކަދައްވައިފައެވެ.
އެފަހުން، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ. އަދި މިހާރު ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށާ އެ ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ.
މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން.
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ރަސްފަންނާއި ސަލްޓަން ޕާކަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ތަރައްގޯ ކުރެވުނު ދެ ތަނެވެ.
އެ ދެތަނަކީ، މާލޭގެ ކުދި ބޮޑު އެންމެންހެން ހިތްހަމަ ޖައްސައި އުފާކޮށްލުމަށް ގޮސް އުޅުނު ތަންތަނަށް ވާއިރު، ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން މިހާރު އެ ތަންތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.