ފަހުގެ ފޯނު ހިފާލައި ބޫޓާއި ސޫޓުގައި މަގުމައްޗައް ކުޅު ތެޅުން!
ދެންމެ | 16 ފެބްރުއަރީ 2025

ހުޅުމާލެ ސިޓީއަކީ މާލޭ ސަރަޙައްދުގައި އުޅެން އެންމެ ހިތްފަސޭހަކަމަށް ފަހަކަށް އައިސް ގިނަމީހުން ބުނަމުން އަންނަ އަވަށެވެ. ރީތި ފްލެޓްތަކާއި، ހިތްގައިމު ޕާކުތަކާއި ގޮނޑުދޮށާއި ތަރައްޤީ މަގުތަކެއް ބިނާކުރެވި ހިތްހަމަ ޖެހިލައިގެން އުޅޭލެވޭނެ ފަދަ އަވަށެކެވެ.

ނަމަވެސް ގިނަދުވަސްތަކެއް ވަންދެން ރާއްޖޭގައި ހައްލުނުވެ އޮތް މިމައްސަލަ ކަންބޮޑުވާންޖެހޭ ހިސާބަށް ގޮސްފައިވާކަން އިއްޔަ ފެނިގެން ދިޔަ މަންޒަރުން ހާމަވިއެވެ. ހުޅުމާލޭ މާރުކޭޓް ސަރަހައްދުގައި ދޫކޮސްފައިވާ ބައެއް ގޮޅިތަކުގައި ސަޔާއި ކޮފީ ބޮވޭނެ އިންތިޒާމްއާއި އެކު މޭޒު ޖަހާލާފަ އެކިވަރުގެ ދުފާ ތަބައް އަތުރާލާފަހުއްޓެވެ. މޭޒާއި ދިމާ ޕޭމަންޓުގައި ގަސްއިންދާފައި ހުރިތަނުގައި ހުރި ގަހެއްގެ ބުޑަށް ރަތްކުޅު ތަޅާތަޅާ އެތަން ވަނީ ބަލާލަން ނުކެރޭހާ އަދި ކައިރިވާން ނުކެރޭ ހާލަތުގައެވެ.

 

އެންމެ ފަހުގެ ފޯނު ހިފާލާފަ މަގަށް ރަތްކުޅު ޖެހީމަ ސަޅިއެއް ނޫން!

ހުޅުމާލެ މާރުކޭޓް ސަރަޙައްދުގައި އާންމުކޮށް މީހުން ކުޅުޖަހާ ކަމަށް ފާހަގަ ކުރެވޭ ސަރަޙައްދެއް

 

އެތަނަށް ކުޅު ޖަހާލާފައި ދާ ކޮންމެ މީހެއްގެ އަތުގައި އޮތީ އެންމެ ޒަމާނީ ސްމާޓް ފޯނެކެވެ. ތިބެނީ ރީތިކޮށް ފެންވަރާލާ ނަލަ ހެދިލައިގެންނެވެ. މިހެން ކަންތައް ކުރާ ފަރާތްތައް ހަމަގައިމުވެސް އެބޭފުޅުންގެ އަމިއްލަ ގޯތި ގެދޮރުގެ އެތެރެއަށާއި ގޯދި ގެދޮރުގެ ކައިރިއަށް މިގޮތަށް ރަތް ކުޅު ޖަހާފާނެބާއެވެ. ހަމަ އެފަދައިން ބާޒާރަކީ އެތައް ރައްޔިތުންނެއް ހިދުމަތް ލިބިގަތުމަށް އައިސް ގޮސް ހަދާ ތަނަކަށް ވީހިނދު މިހާ ނާތަހުޒީބުކޮށް ކަންކުރުމުގެ ކުރިން ކޮންމެ ބޭފުޅަކުވެސް އެހެން މީހުންނާއި މެދު ވިސްނާލުން މުހިންމެވެ.

މަގުތަކާއި ޕޭވްމަންޓްތަކަށް ކުޅުޖެހުމަކީ ކުރީއްސުރެ ވެސް އާންމުންނަށް އުނދަގޫވާ ކަމެކެވެ. ނަމަވެސް މީހުން ދުފާލާ ރަތްކޮށްގެން، އޭގެ ރަތް ކުޅު މަގުތަކާއި ފާރުތަކާއި ޕޭވްމަންޓްތަކަށް ޖެހުމުން މި މައްސަލަ އިތުރަށް ގޯސްވެއެވެ. މި ހުތުރު ފާހަގަތަކުގެ ސަބަބުން އަޅުގަނޑުމެންގެ ސިޓީތައް ހަޑިވުމުގެ އިތުރުން، ސިއްޙަތާއި ސާފުތާހިރުކަމާ ގުޅޭ ސީރިއަސް ކަންބޮޑުވުންތަކެއް ވެސް އުފެދެއެވެ.

ދެކުނު އޭޝިޔާއާއި ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ ސަރަޙައްދުތަކުގައި އަދި އެހެން ތަންތާނގައި ވެސް ހުނި، ފޯޢް އަދި ބިލެތާއި އެކު ދުފުމަކީ  އާންމު އާދައެކެވެ. ރާއްޖޭގައި ވެސް ކޮފީ މޭޒު ތަކާއި ހޮޓާހޮޓަލާއި ގޭގޭގެ އިތުރުން އެހެނިހެން ތަންތަނުގައި ދުފުމަކީ ގިނަބައެއްގެ އާދައެކެވެ. ބައެއް މީހުން މިއީ ސަގާފީ އާދައެއްގެ ގޮތުގައި ދެކުނު ނަމަވެސް، ދުފުމަށްފަހު ރަތް ކުޅު އާންމު މަގުތަކަށް ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ބައެއް މާރުކޭޓް ތަކާއި ހޮޓާހުންނަ ނުވަތަ އާންމު ޢިމާރާތްހުންނަ ސަރަހައްދުގައިވެސް ފާރުތަކާއި ޕޭވްމަންޓްތަކުގައި ރަތް ކުޅު ތަޅާފައި ހުންނަތަން ފެނެއެވެ. މިއީ ދަށު ދަރަޖައިގެ މަދަނީ ޝުޢޫރެއްގެ ލަދުވެތި ނިޝާނެކެވެ.

އާންމު ތަންތަނަށް ކުޅު ޖެހުމަކީ ހަމައެކަނި ރީތިކަމާއި ސާފުތާހިރުކަން ނަގާލާ މަންޒަރެއް ނޫނެވެ. އެއީ ސިއްޙަތަށް ކުރިމަތިވެދާނެ ނުރައްކަލެކެވެ. ކުޅުގައި ޓީބީ، ފްލޫ އަދި ނޭވާލާ ނިޒާމުގެ ބަލިތައް ފަދަ އެތައް ބައްޔެއް ފެތުރިދާނެ ބެކްޓީރިއާ އާއި ވައިރަސް އެކުލެވެއެވެ. ވައިގެ ތަޣައްޔަރުކަމާއި ހިރަފުހާ އެކުވުމުން، ހިކިފައިވާ ކުޅުގެ މާއްދާތައް ވަޔާއި އެކުވެ، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ސިއްޙީ ގޮތުން ނުރައްކާވުމުގެ ފުރުޞަތު އިތުރުވެއެވެ. މީގެ  އިތުރުން، ގިނަ ދުވަހަށް ދެމިހުންނަ ރަތް ފާހަގަތައް ފޮހެލުމަކީ ވަރަށް އުނދަގޫ ކަމަކަށްވާތީ، މުނިސިޕަލް އިދާރާތަކަށް އިތުރު ސާފުކުރުމުގެ ޚަރަދުތަކެއް ކުރަން ޖެހެއެވެ.

ގިނަ ސިޓީތަކުގައި އާންމު ތަންތަނުގައި ކުޅުއެޅުން މަނާކޮށް، ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ކުރުމުގެ ޤާނޫނުތައް ހުރެއެވެ. ނަމަވެސް އެ ޤާނޫނުތައް ތަންފީޒުކުރުން އުނދަގުލެވެ. ސިންގަޕޫރު ފަދަ ތަންތަނުގައި ހަރުކަށި ޖޫރިމަނާތަކުގެ ސަބަބުން މި މައްސަލަ ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ދުފުން އާންމު ގައުމުތަކުގައި މި ޤަވާޢިދުތަކަށް އަޅާނުލެވެއެވެ. ބައެއް ސިޓީތަކުން އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ވެސް ހިންގައި، މީހުންނަށް ޚާއްޞަ ކުޅުޖަހާ ތަށިތައް ބޭނުންކުރުމަށް ނުވަތަ އަމިއްލައަށް ކުޅުޖަހަން ކޮތަޅު ގެންގުޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

މި މައްސަލަ ޙައްލުކުރުމަށް ވިސްނުން ބަދަލުކުރަން ޖެހެއެވެ. އިދާރާތަކުން ހަރުކަށި ޖޫރިމަނާތައް ކުރަން ޖެހެއެވެ. ނަމަވެސް އެއަށްވުރެ މުހިންމު ކަމަކީ ވަކިވަކި ފަރުދުން ޒިންމާ ނެގުމެވެ. ކުޅުޖެހުން ކޮންމެހެން ލާޒިމު ކަމަކަށްވާނަމަ، އާންމު ތަންތަން ހަޑިކުރުމުގެ ބަދަލުގައި ކުޅުޖަހަން ތަށި ނުވަތަ ޓިޝޫ ބޭނުންކުރަން ވާނެއެވެ. ސްކޫލްތަކާއި މުޖުތަމަޢުތަކުން ޒުވާން ޖީލަށް ސާފުތާހިރުކަމުގެ މުހިންމުކަމާ ބެހޭ ގޮތުން އުނގަންނައިދޭން ވާނެއެވެ.

ދުފާލާފައި ޖަހާ ރަތް ކުޅުގެ ފާހަގަތަކަކީ ހަމައެކަނި މުޖުތަމައުގެ ރީތިކަން ނަގާލާ މައްސަލައެއް ނޫނެވެ. އެއީ މަދަނީ އަޚްލާޤު ނެތްކަމުގެ ނިޝާނެކެވެ. އަޅުގަނޑުމެން ބޭނުންވަނީ ސާފުތާހިރު އަދި ދުޅަހެޔޮ މަގުތަކެއް ނަމަ، އަޅުގަނޑުމެން އެންމެން އެކުގައި ޢަމަލުކުރަން ޖެހެއެވެ. އެއީ ވަރުގަދަ ޤާނޫނުތަކާއި، ރަނގަޅު ތަންފީޒުކުރުމާއި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އިޖްތިމާޢީ އަޚްލާޤު ބަދަލުކުރުމުގެ ތެރެއިންނެވެ. އަޅުގަނޑުމެންގެ މަގުތައް ސާފުކޮށް ބަހައްޓަމާ ހިނގާށެވެ. އަދި އާންމު ތަންތަނުގައި ކުޅިއެޅުމަކީ ހަމައެކަނި ޤާނޫނީ ގޮތުން ނޫން، އާދައިގެ ގޮތުން ވެސް ގަބޫލުނުކުރެވޭ ކަމަކަށް ހަދަމާ ހިނގާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!