އިސްރަށްވެހިންގެ ކިބައިން ޒުވާނުން މަޢުލޫމާތުތައް ހޯދައި، ހުނަރުތައް ދަސްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު މާލޭގައި ހުޅުވި އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުމާ ގުޅިގެން ”އިސްވާރުންގެ އަހަރީ އުފާ – 2025″ގެ ނަމުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ އިސްރަށްވެހިންގެ ތަޖުރިބާތަކާއި މަޢުލޫމާތު ޒުވާނުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަމަށެވެ. އަދި އެ ތަޖުރިބާތަކާއި މަޢުލޫމާތާއި ހުނަރު އަދުގެ ޒުވާނުންނަށް ފޯރުކޮށްދިނުމަށް އިސްރަށްވެހިންގެ ކިބައިން މެޑަމް ސާޖިދާ އެދިވަޑައިގެންނެވިއެވެ.
މި ކަމަށް އެދިވަޑައިގަތުމަށްފަހު ޢުމުރުން ދުވަސްވީ މީހުންގެ ކިބައިން އެ މަޢުލޫމާތާއި ތަޖުރިބާ ލިބިގަނެ ދަސްކުރުމަށް، ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް މެޑަމް ގޮވާލެއްވިއެވެ.
”އިސްރަށްވެހިންގެ ފަރާތުން ޒުވާނުންނާއި ކިޔަވާ ކުދިން، ޢިލްމީ ފިކުރީ އަދި ހުނަރުގެ މަންފާ ލިބިގަންނަންޖެހޭ. އަޅުގަނޑުގެ އުންމީދަކީ މި ނާދީއަކީ އިސްރަށްވެހިންގެ ކިބައިން މަޢުލޫމާތާއި ތަޖުރިބާ މިއަދުގެ ޖީލުތަކަށް ފޯރުކޮށްދޭ ފުރުޞަތު ހުޅުވިގެންދާނެ ތަނެއްކަމުގައި ވެގެންދިޔުން.“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްރަށްވެހިންގެ ނާދީތައް ތަރައްޤީކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުން ހާމަވެގެންދަނީ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށާއި ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ކަމަށެވެ. އަދި ދިވެހި ޤައުމު މި ދެކޭ ކުރިއެރުމުގެ މޭސްތިރިންނަކީ އިސްރަށްވެހިންކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ނާދީގެ ލޯގޯ ވަނީ ތަޢާރަފްކޮށްފައެވެ. އަދި އިސްރަށްވެހިންގެ ނާދީން ޚިދުމަތް ހޯދައި ފަރާތްތަކަށާއި އެ ތަނުގައި ހިންގާ ޕްރޮގުރާމްތަކުގައި ބައިވެރިވުމަށް ބޭނުންކުރެވޭނެ މެންބަރޝިޕް ކާޑެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މެންބަރޝިޕް ކާޑު ތަޢާރަފްކޮށްދެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމެވެ.
ފާއިތުވި އަހަރު އިސްރަށްވެހިންގެ ނާދީން ހިންގި ތަފާތު 17 ޕްރޮގުރާމެއްގައި 478 މީހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގުރާމްތަކުގެ ތެރޭގައި ޞިއްހީ އެކި ކަންކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިމެނެއެެވެ.