53 ކައިވެނީގެ ތަޖްރިބާ: އުފާވެރިކަން އޮތީ ދުވަަސްވީ މީހުންނާއި ކައިވެނި ކޮށްގެން
ދެންމެ | 17 ސެޕްޓެމްބަރ 2022

މިހާތަނަށް 53 ކައިވެންޏެއްކޮށްފައިވާ ސައޫދީ އަރަބިޔާގެ 64 އަހަރުވީ ފިރިހެނަކު އެހުރިހާ ކައިވެނިތަކުން އޭނާއަށް ލިބުނު ތަޖުރިބާ ކިޔައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ހިއްސާކޮށްފިއެވެ.

މި ވީޑިއޯ ވައިރަލް ވެފައިވާއިރު އެއްބަޔަކު އޭނާއަށް ތާރީފުކޮށްފައިވެއެވެ. އަނެއްބަޔަކު ބުނެފައިވަނީ މާގިނައިން ކައިވެނިކޮށް އެތައް ބަޔަކަށް ލަނޑު ދިނުމަކީ އޭނާއަށް ކުރެވިފައިވާ މޮޅުކަމެއް ނޫންކަމަށާއި އެއީ ލަދުގަންނަން ޖެހޭނޭ ކަމެއް ކަމުގައެވެ.

މި ވީޑިއޯ ވައިރަލްވުމާ ގުޅިގެން ސައޫދީ އަރަބިޔާގެ އެމްބީސީން ވަނީ އޭނާއާ އިންޓަރވިޔުކޮށް އޭނާގެ ހަޔާތާބެހޭގޮތުން ޕްރޮގްރާމެއް ގެނެސްދީފައެވެ. އޭގައި އަބޫ އަބްދު ﷲ ބުނެފައިވަނީ އޭނާ 53 މީހުންނާއި އިނީ ޖިންސީ އުފަލަށްޓަކައި ނޫންކަމަށާއި އޭނާ ކޮންމެ ކައިވެންޏެއްވެސް ކުރީ އެއީ އެންމެ ފަހުގެ ކައިވެނި ކަމަށް ބަލައިގެން ކަމުގައެވެ. މަގުސަދަކީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ހޯދުން ކަމަށާއި ވަރިކުރަން ޖެހެނީ އެ މަގްސަދު ހާސިލްނުވާތީ ކަމަށް ބުނެފައިވެއެވެ.

އަބޫ އަބްދު ﷲ މިހާތަނަށް ތަފާތު 53 އަންހެނުންނާއި ކައިވެނިކޮށްފައިވާއިރު އެންމެ ފުރަތަމަ ކައިވެނި ކުރީ އޭނާގެ އުމުރުން ވިހި އަހަރުގައެވެ. ދެވަނަ ކައިވެނި ކުރީ ތޭވީސް އަހަރުގައެވެ. އެންމެ ފުރަތަމަ އިނީ އޭނާއަށްވުރެ ހަ އަހަރު ދޮށީ އަންހެނަކާއެވެ. އަބޫ އަބްދު ﷲ ބުނާގޮތުގައި ހަޔާތަށް ސުލްހަ މަސަލަސްކަން އޮތީ އުމުރުން ދޮށީ އަންހެނުންނާ އިނދެގެންނެވެ. އަނބިމީހާ ޒުވާންވާވަރަކަށް ދިރިއުޅުމުގެ ހައިޖާން ބޮޑުވާކަމަށްވެސް ބުންޏެވެ. އެންމެ ކުރު ކައިވެންޏަކީ އެންމެ ރެޔަކަށްފަހު ނިންމައިލާން ޖެހުނު ކައިވެންޏެއް ކަމަށްވެސް ބުންޏެވެ.

އަބޫ އަބްދު ﷲ ބުނާގޮތުގައި މިވަގުތު އޭނާ އިނދެގެން ހުރީ އެންމެ މީހަކާއެވެ. އިތުރު މީހަކު ދެން ބޭނުންނުވާ ކަމަށާއި ބޭނުންވެގެން އުޅުނު ހަމަޖެހުމާއި މަސަލަސްކަން ދިރިއުޅުމަށް މިހާރު ގެނެވިފައިވާ ކަމަށްވެސް ބުންޏެވެ. މިހާތަނަށް 53 މީހުނާ އިނދެފައިވާއިރު އޭގެތެރޭގައި ގިނައީ ސައޫދީ އަރަބިޔާގެ އަންހެނުންނެވެ. ކޮންމެވެސް ވަރަކަށް ބިދޭސީ އަންހެނުންނާއިވެސް އިނދެވިފައިވާ ކަމަށާއި އެގޮތަށް ކަންކަން މެދުވެރިވީ ރަސްމީ މަސައްކަތްތަކުގައި ދިގު މުއްދަތަކަށް ގައުމުން ބޭރުގައި އުޅެން ޖެހުމުން ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!