ރޯ ލޮނުމެދު ކެއުމުން ވިސްނުން ތޫނުވެ މުސްކުޅި އުމުރަށްދާއިރުވެސް ވިސްނުން ކޮށިވުމުގެ މަގު ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ
އެގޮތުން ގަވާއިދުން ލޮނުމެދު ކާނަމަ އުމުރުން ދުވަސް ވުމުން ދިމާވާ ހަނދާންނެތޭ ބަލި އަދި ތުރުތުރު އަޅާބަލީގެ އިތުރުން ވާގިނެތޭ ބަލި ޖެހުން ފަދަ ބަލިތަކުން ދުރުވާ ކަމަށް މިދިރާސާގައި ބުނެފައިވެ އެވެ. އެމެރިކާގެ ސައިންޓިސްޓުން ކުރި މިދިރާސާގައި ބުނެފައިވަނީ ލޮނުމެދުގައި އެކުލެވޭ މާއްދާއެއް ކަމަށްވާ “އަލާއިލް ސަލްފައިޑް” އަކީ ބަނޑު ތެރޭގައި އުފެދޭ ޖަރާސީމު ކޮންޓްރޯލް ކޮށް އުމުރުން ދުވަސްވުމުން ދިމާވާ ބަލިތަކަށް ވަރަށް ރަނގަޅު މާއްދާއެއް ކަމަށެވެ.
މީދާ ބޭނުން ކޮށްގެން ދިރާސާކުރި ޓީމުންވަނީ އުމުރުން 24 އަހަރުގެ މީދަލަކާއި އުމުރުން ދުވަސްވީ މީދަލެއް ބޭނުން ކޮށްގެން ދިރާސާ ކޮށްފަ އެވެ. މިދިރާސާއަށް ފަހު ޓީމުން ބުނެފައިވަނީ އުމުރުން ހަގު މީދަލަށް ވުރެން ދުވަސްވީ މީދަލުގެ ލޯންގް ޓާމް އަދި ޝޯޓް ޓާމް މެމޮރީ ރަނގަޅު ކަމަށެވެ.
ލޮނުމެދު ބޭނުންކޮށްގެން އިންސާނުން ތަފާތު ބަލިތަކަށް ފަރުވާ ހޯދާތާ މިހާރުވަނީ އަހަރުތަކެއް ވެފަ އެވެ. ދާދި ފަހުން ޔުނިވަރސިޓީ އޮފް ނޮޓިންގަމްގެ ސައިންވެރިން ލޮނުމެދާ ބެހޭގޮތުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ހަށިގަނޑުގައި އުފެދޭ ވައިގެ އިތުރުން އުރަމައްޗަށާއި ބަނޑަށް ޖެހޭ ކެންސަރު ބައްޔާއި ޓައިޕް-2 ޑައިބެޓީސް އަށް ލޮނުމެދަކީ ވަރަށް ރަނގަޅު ފަރުވާއެއް ކަމަށެވެ.
މީގެ އިތުރުން ގަވާާއިދުން ލޮނުމެދު ކެއުމަކީ ލޭގެ ޕްރެޝަރު ދަށްކޮށް ދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އަހަރުތަކެއް ކުރިންވެސް ލޮނުމެދަކީ ކަންފަތުގައި ރިއްސުމަށް ވެސް މީހުން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެގޮތުން ކަންފަތުގައި ރިއްސާނަމަ ލޮނުމެދެއް ބުރި ކުރުމަށްފަހު ކަންފަތަށް ޖަހަ އެވެ.
ލޮނުމެދަކީ އޭގެ ރަހަ ކިތަންމެ ނުބަޔަސް އޭގައި ގިނަ އަދަދަކަށް ވިޓަމިންސް އަދި މިނަރަލްސް އެކުލެވޭ އެއްޗެކެވެ. މިގޮތުން މެގްނީސިއަމް، ވިޓަމިން ބީ6، ވިޓަމިން ސީ ގިނަ އަދަދަކަށް ލޮނުމެދުގައި އެކުލެވެ އެވެ.